05 Dec 2014, 23:40
އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެއިން ފެން ކެނޑިފައިވާއިރު މުޅިން އެ މައްސަލަ ހައްލުކުރުމަށް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާސްކު ފޯހުގެ އިސް ވެރިޔާ އަދި ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފެނުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް މުޅި މައްސަލަ ހައްލުކުރެވޭނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މައްސަލާގައި 100 ޕަސެންޓް ހައްލުކުރެވޭނެ." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ދިމާވި މައްސަލައިގެ ޓެކްނިކަލް ބައިގެ 60 ޕަސެންޓް ހާސިލް ކުރެވިފައިވާ އިރު މިހާރު ރާޢްޖެ އައިސްފައިވާ ސިންގަޕޫރުގެ ޓެކްނީޝަނުން ކުރައްވާ މަސައްކަތުން މި މައްސަލަ އިތުރަށް ހައްލު ކުރުމަށް މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.
"ޕެނަލް ބޯޑުތަކަށް މި ދިމާވި މައްސަލައަކީ ބޮޑު މައްސަލައެއް. އިރާދަ ކުރެއްވިއްޔާ މާދަމާ ސިންގަޕޫރު އެއާލައިނުން ގެންނަ ތަކެތިން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު މަރާމާތު ކުރި ތިން ޕްލާންޓުން ވެސް ބޭނުންވި މިންވަރަށް ފެން އުފެއްދޭ ވަރެއް ނުވި ކަމަށާއި ޓެކްނިކަލް ބޭފުޅުން މިރޭ ކުރައްވާ މަސައްކަތުގެ ސަބަބުން އަލުން ފެން އުފައްދަން ފެށޭވަރުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދި މާދަމާ މެންދުރު 12:00 ފެށިގެން ގަޑިއެއްހާއިރަށް ފެން ދޫކުރަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
މިއަދު ކުރެވުނު މަސައްކަތުން އިންޑިއާގެ ތިން ފްލައިޓަކުންނާއި އިންޑިއާގެ މަނަވަރަކުންނާއި ލަންކާ ފްލައިޓުން ރާއްޖެ އަށް ފެން ގެނެސްފައިވާ އިރު ކުރިއަށްއޮތް ހަފްތާ ވަންދެން ޗައިނާ އިން ރާއްޖެ އަންނަ ކޮންމެ މަތިންދާ ބޯޓަކުން ރާއްޖެ އަށް ފެން ފޯރުކޮށްދޭނެ އިރު އެމެރިކާގެ އެހީތެރިކަން ވެސް މި މައްސަލައަށް ހައްލު ކުރަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޗައިނާގެ މަނަވަރެއް ފެން ހިފައިގެން ރާއްޖެ ދަތުރުކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
"ފެނުގެ ދަތިކަމެއް އިދާރަ ކުރެއްވިއްޔާ ދެން ކުރި މައްޗެއް ނުވާނެ. ބޭރު ފަރާތްތަކުން މި ދެއްވާ އެހީތެރިކަމާއެކު މާލެ ރައްޔިތުންނަށް އަޅުގަނޑުމެން ފެން ފޯރުކޮށްދެމުން ދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ގިނަ އަދަދެއްގެ ބަޔަކަށް ފެން ފޯރުކޮށްދެވިފައިވާ އިރު މިރެއިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފެންފޯރުކޮށްދޭއިރު މާދަމާއިން ފެށިގެން އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިން ވަކި ކިޔޫތަކެއްގައި ފެން ދޭނެ އިންތިޒާމް ހަމަޖެއްސިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.