އިއްޔެ އިން ފެށިގެން މާލޭގައި ފެން ހުސްވުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކާއި ދައުލަތުން އެކަން ހައްލު ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި ގޭބީސީ އަކަށް ފުދޭވަރަށް ފެން ލިބޭނެ ގޮތް ހެދުމަށް އިންތިޒާމު ކުރުމަށް ގޮވާލާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗުއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ފަރާތުން ފެން ފޯރުކޮށްދޭ އިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނި އުޅޭ މީހުން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބޭ މީހުންނަށް ފެންލިބޭނެ ގޮތްހެދުމަށް ވެސް ޔަގީން ކުރަން ޖެހޭ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ފެނުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކަރުން ވަރަށް އަވަހަށް މަސައްކަތް ކޮށްފިޔަވަޅުތަކެއް އަޅާފައިވާކަން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރާ ކަމަށެވެ.

ހަމަ އެހެންމެ ރައްޔިތުންނަށް ފެން ފޯރު ކޮށް ދިނުމަށް ހަރަކާތްތެރިވާ ޓާސްކް ފޯސްތަކުން ކިޔުގައި ތިބޭ މީހުންނަށް ސައްހަ މައުލޫމާތު ފޯރު ކޮށްދިނުމަށް ވެސް ކޮމިޝަނުން ގޮވާލާފައިވެ އެވެ.

ބިދޭސީ މަސައްކަތް ތެރިންނަށް ފެން ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބެމުންދާކަމީ ވެސް ކަންބޮޑުވާ ކަމަށް ބުންޏެވެ. އެހެންކަމުން ފެން ދިނުމުގައި ތަފާތު ކުރުމެއްނެތި ހުރިހާ ފަރާތަކަށް ވެސް އެއް އުސޫލަކުން އަމަލު ކުރުމަށް ގޮވާލަ އެވެ.