ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަކަށް ގ. ފަހިވާގެ ބައްސާމް އާދިލް ޖަލީލު އައްޔަން ކުރައްވައިފި އެވެ.

އެސޯސިއޭޝަން ރަނގަޅު ކުރުމުގެ ގޮތުން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އުފެއްދުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައްސާމް އެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެ ކޮމިޓީގައި ތިބި މެމްބަރުންގެ އިއްތިފާގުން ކަމަށް އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބައްސާނަކީ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއެއް އުފެއްދީ އެފްއޭއެމްގެ ރައީސަކަށް ހުންނެވި އިލްހާމު އަހުމަދު މަގާމުން ވަކި ކުރުމަށް ފަހު އެވެ. ނޯމަލައިޒޭޝަން ކޮމިޓީއަކީ ވަގުތީ ކޮމިޓީއެކެވެ.

ފީފާ އިން އެކުލަވާލި އިންތިގާލީ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އެވެ. އަދި އެ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ދެން ހަމަޖައްސަވާފައި ވަނީ މުހައްމަދު ނިޒާމް އާއި ގައުމީ ޓީމްގެ ކުރީގެ ފޯވާޑު އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ފީފާއިން ބުނިގޮތުގައި އެ ކޮމިޓީ އެކުލަވާލަން ނިންމީ އެފްއޭއެމްގެ ކޮންގްރެސް ބާއްވަން އެ އެސޯސިއޭޝަނުން މިހާތަނަށް ނުކުޅެދިފައި ވާތީ އެވެ. އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވުމުގެ ސަބަބުން އެ އެސޯސިއޭޝަންގެ ނިންމުންތައް ނިންމުމުގައި އެގްޒެކްޓިވް ކޮމެޓީ ނުކުޅެދިފައިވާ ކަމަށް ވެސް ފީފާ އިން ބުންޏެވެ.