މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (ޢެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކެނޑިފައިވުމުން ސަރުކާރުން ކުރާ ބުރަ މަސައްކަތުގައި އެއްބާރުލުން ދެއްވައި މި ހާލަތުގައި ކެތްތެރިވުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން އިލްތިމާސްކޮށް، އަދި ޝުކުރު އަދާކޮށްފި އެވެ.

މާލެ އަށް ދިމާވެފައިވާ ހިތްދަތި ހާދިސާއާ ގުޅިގެން ހިތާމަފާޅު ކުރާ އިރު އެފަދަ ހާލަތެއްގައި ދިވެހިންގެ ފަރާތުން ފެންނަމުންދާ އެކުވެރިކަމާއި އެއްބައިވަންތަކަމާ މެދު އުފާ ކުރާ ކަމަށް އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ. އަދި އެފަދަ ހާލަތްތަކުގައި އެހެން ކަންތައްތަކަށް ވުރެ ބޮޑަށް ކެތްތެރިކަން އިސްކުރުމަށް އެ ޕާޓީ އިން އިލްތިމާސްކޮށްފައިވެ އެވެ.

ފެނަކީ މާތް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތަކަށްވާ އިރު ލިބޭ ފެން ފޮދު ބޭނުންކުރުމުގައި އެއަށް ރައްކާތެރި ވުމަށާއި އެފެން އެއްވެސް ވަރަކަށް އިސްރާފު ނުކުރުމަށް އެމްޑީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

އެ ޕާޓީގެ އުއްމީދަކީ މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަށް ވީހާ ވެސް އަވަހަކަށް ހައްލެއް އައުން ކަމަށް އެ ޕާޓީ އިން ބުންޏެވެ.