05 Dec 2014, 19:40
ފްލޮރިޑާ (ޑިސެމްބަރު 5) : ފަޒާގެ ދިރާސާތަކާބެހޭ އެމެރިކާގެ އިދާރާ، "ނާސާ" އިން ޖައްވަށް ފޮނުވުމަށް ހަމަޖައްސާފައިވާ އޯރިޔޯން އުޅަނދު ފޮނުވުން ލަސްކޮށްފި އެވެ.
ނާސާ އިން ބުނީ އޯރިޔޯން އަކީ މާސް ޕްލެނެޓަށް ފޮނުވާ ދިރާސީ ކެޕްސޫލެއް ކަމަށާ އެއުޅަނދު ފަޒާއަށް ފޮނުވާލުން ލަސްކުރީ ވައި ބާރުވެފައި ފްލޮރިޑާގެ އައްސޭރި ފަށުގައި އާގު ބޯޓެއް އޮތުމުން ކަމުގަ އެވެ. ނާސާގެ ތަރްޖަމާނެއް ކަމަށްވާ މައިކް ކޫރީ ވިދާޅުވީ އޯރިޔޯ ޖައްވަށް ފޮނުވުމަށް ހަމަޖައްސާފައި ވަނީ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސްޓޭޝަނުން ކަމުގަ އެވެ. މިކެޕްސޫލަކީ މާސްއަށް އިންސާނުން ފޮނުވުމަށް ޓަކައި ހަތަރު މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
ތަޖްރިބާ ކުރުމުގެ ގޮތުން އޯރިޔޯން ޖައްވަށް ފޮނުވާނީ އިންސާނަކާ ނުލައެވެ. ހަތަރު ގަޑީއިރާއި ބައިގަޑިއިރު ހޭދަވާ މިތަޖްރިބާ ދަތުުރުގައި މިކެޕްސޫލް ދަތުރުކުރާނީ ގަޑިއަކު 35 ހާސް ކިލޯ މީޓަރުގެ ބާރުމިނުގަ އެވެ. އޯރިޔޯން ކެޕްސޫލް އުފައްދާފައި ވަނީ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލޮކީޑް މާޓިން އިންނެވެ.
އޯރިޔޯން ކެޕްސޫލް ޖައްވަށް ފޮނުވުމަށް ހަމަޖައްސާފައިވާ ފްލޮރިޑާގެކެނެޑީ ސްޕޭސް ސްޓޭޝަނަކީ 1969 ގައި އެމެރިކާ އިން ހަނދަށް ފޮނުވާލި އުޅަނދު ކަމަށްވާ އެޕޯލޯވެސް ފޮނުވާލި ޖައްވީ ސްޓޭޝަނެވެ. (ބީބީސީ)