މޮސްކޯ (ޑިސެމްބަރު 5) : ދަގަނޑުގެ ފާރަކުން ރަޝިޔާ އެކަހެރިކޮށްލުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އިއްތިޙާދުގެ ޙާލަތާބެހޭ ގޮތުން ޕާލަމެންޓް މެންބަރުންނާ މުޚާތަބު ކުރައްވައި ކްރެމްލިންގެ ސެންޓް ޖޯޖް ހޯލްގައި އިއްޔެ ދެއްވި އަހަރީ ޚިތާބުގައި ޕޫޓިން ވިދާޅުވީ ދަގަނޑުގެ ފާރަކުން ރަޝިޔާ އެކަހެރިކޮށްލުމުގެ އިތުރުން ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދު ރޫޅާލިގޮތަށް ރަޝިޔާގެ އިއްތިޙާދު ވެސް ރޫޅާލުމަށް ވެސް ހުޅަނގުގެ ބާރުތަކަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުން ގެންދާކަމުގަ އެވެ. ޕޫޓިން ވިދާޅުވީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާ އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މާބޮޑަށް ދަށަށްދިޔުމުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި މި ގޮންޖެހުންތަކާއި ފިއްތުންތަކުގެ ސަބަބުން ރައްޔިތުންނަށް ދަތި ދުވަސްތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ވެސް ޕޫޓިން ދެއްވި އެވެ.

ޕޫޓިންގެ ޚިތާބުގައި އެމެރިކާއަށާއި އެމެރިކާގެ ވަށައިގެން އެނބުރޭ ޔޫރަޕްގެ ގައުމުތަކަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. ޕޫޓިން ވިދާޅުވީ ހުޅަނގުން ބޭނުންވާހާ ގޮތްތަކެއް ރަޝިޔާ އަށް ނުހެދޭނެ ކަމަށާ ރަޝިޔާގެ އިގްތިސާދަށް ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިވެގެން ދިޔަ ނަމަވެސް ރަޝިޔާގެ އިގްތިސާދު ރޫޅިގެން ނުދާނެކަމުގައެވެ.

ޔުކްރޭންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށްބުނެ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން އެތައް ފަހަރެއްގެ މަތިން ރަޝިޔާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ރަޝިޔާގެ އިގްތިސާދަށް އާދަޔާ ޚިލާފަށް ގެއްލުންތައް ވާންފެށީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށްބޮޑަށް ދަށަށްދިޔުމާ ގުޅިގެންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ތެލުގެ އަގު ވެއްޓިގެން ދިޔުމާ އެކު މިއަހަރު ތެރޭގައި ގާތްގަނޑަކަށް 40 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ރަޝިޔާގެ އިގްތިސާދު ކުރިމަތިލާންޖެހޭނެ ކަމަށް އެގައުމުގެ އިގްތިސާދާބެހޭ ވުޒާރާ އިން ބުނެ އެވެ.

ޕޫޓިން ވިދާޅުވީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްޗަށް މުސްތަގްބަލްގައި ރަޝިޔާއަށް ގަދަވެގަނެވޭނެ ކަމަށާއި ނަމަވެސް މިކަމަށް މުއްދަތެއް ނަގާނެ ކަމަށާ އަދި މިފިޔަވަޅުތަކުގެ ގެއްލުންތައް ހުޅަނގަށް ވެސް ފޯރަމުންދާކަމުގަ އެވެ. ރަޝިޔާ އިން ޔޫރަޕުން ގަންނަމުންދާ ކާބޯތަކެއްޗާއި މޭވައާއި ތަރުކާރީގެ ބާވަތްތައް ތުރުކީއާއި އާނޖެންޓީނާއާއި ބްރަޒިލް ފަދަ ގައުމުތަކުން ގަންނަން ފަށާފައި ވާތީ އަހަރެއްގެ މައްޗަށް 18 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ޔޫރަޕްގެ އިއްތިޙާދު ކުރިމަތިލާންޖެހޭނެ ކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ.

ޕޫޓިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފިނަމަ ރަޝިޔާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމުގައެވެ. އަދި އިގްތިސާދީ ދަތިތަކާއެކު ވެސް ހުޅަނގުގެ ކުރިމަތީގައި ރަޝިޔާ ކުޑަކަކޫ ނުޖަހާނެ ކަމަށާއި އަދި ހުޅަނގަށް ރަޝިޔާ އިނދަޖައްސާވެސް ނުލެވޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަަށަށް ދިޔުމާގުޅިގެން ރަޝިޔާގެ ފައިސާ ކަމަށްވާ ރުބެލްގެ އަގު މިހާރުވަނީ ވަރަށް ބޮޑަށް ވެއްޓިގެން ގޮސްފަ އެވެ. މިކަން ޙައްލުކުރުމަށް ޓަކައި ރަޝިޔާގެ މަރުކަޒީ ބޭންކުންވަނީ މަސައްކަތްތަކެއް ފަށާފައެވެ. (ރޮއިޓާސް)