މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް އަންނަންދެން ފުޅި ފެން މަދު ނުވާނޭހެން މެދު ކެނޑުމެއް ނެތި މާލޭގެ އެންމެނަށް ލިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ހާއްސަ ބަޔާނެއް އިއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ މާލޭ އެންމެނަށް މެދުކެނޑުމެއް ނެތި ފެން ބަހާއިރު ދެކެން ބޭނުންވަނީ މީގެ 10 އަހަރު ކުރިން ރާއްޖެ އަށް ދިމާވި ކާރިސާއާ ގުޅޭ ގޮތުން ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ ފަދަ އެއްބައި ވަންތަކަމެއް ފެނިވަޑައިގަތުން ކަމަށެވެ.

"ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު މައި ފެން ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން ފުޅިފެން އެންމެހާ ރައްޔިތުންނަށް ފުދޭނޭ މިންވަރަށް މެދުކެނޑުމެއް ނެތި ފޯރު ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ރައްޔިތުންނަށް އަރުވަމެވެ. މިއަދު، މި ޑިސެމްބަރު މަހު އަޅުގަނޑު ހަނދާން ވަނީ މީގެ 10 އަހަރު ހަމަ މިމަހު މުޅި ދިވެހި ރާއްޖެ އަށް ކުރިމަތިވި ނުހަނު ހިތާމަވެރި ކާރިސާއެއްގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތްޕުޅުން ފެނިގެން ދިޔަ އެކުވެރިކަމާ އެއްބައިވަންތަކަން. މިއަދުވެސް އަޅުގަނޑުގެ އިލްތިމާސް އަކީ އެކުވެރިކަމާ އެކު ސަރުކާރާ ގުޅިގެން އަލިމަގެއް ފެންނަންދެން ދެމި ތިބުމެވެ." މުއާޒު ވިދާޅުވި އެވެ.

ރައީސްގެ އެ ބަޔާނުގައި ރައްޔިތުންނަށް އެހީތެރިވަމުންދާ އަމިއްލަ ފަރާތްތަކާއި ފުލުހުންނާއި އެމްއެންޑީއެފްގެ އެންމެހާ ބޭފުޅުން އެ ކޮށްދެވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރައްވާފައިވާ ވިދާޅުވި އެވެ.