19:00


ލާމަރުކަޒީ ބިލް ދިރާސާކުރާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ކޮމިޓީގެ ބައްދަލުވުމުން ނިކުންނަވައިފި އެވެ.


މިއަދު ހަވީރު އޮތް އެ ކޮމިޓީގެ ބައްދަލުވުމުން އެމްޑީޕީގެ މެންބަރުން ނުކުންނަވާފައިވަނީ، އެކޮމިޓީގެ ފަރާތުން، ސިވިލް ސާވަންޓް އެސޯސިއޭޝަނާ ބައްދަލުކޮށް ކަމާބެހޭ މައުލޫމާތު އޮޅުންފިލުވަން ފެއްޓެވި ވަގުތެވެ.


އެ ކޮމިޓީގައި ޑީއާރުޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ސިވިލް ސާވަންޓް އެސޯސިއޭޝަންގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެންނެވުމުން ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވޯކައުޓް ކުރެއްވީ ކަމަށެވެ. އަދި އެއީ ޑިމޮކްރަސީއާ ހިލާފަށް އެބޭފުޅުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ އެ މެންބަރުންނަށް އަލީ ވަހީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.


އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ކޮމިޓީން ނިކުންނެވީ މަޝްވަރާ ކުރަމުންދާ ބިލުގައި ހިމެނޭ ޕްރޮވިންސާ ބެހޭ މަފްހޫމާ މެދު ދެ ފަރާތުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދާން އޮންނަ ޕްރޮސެސް ކުރިއަށްގެންދިޔަނުދޭތީ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުން އެބޭފުޅުން ވޯކައުޓް ކުރެއްވީ ނޫން ކަމަށާއި، މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ މެންބަރުން ހުށަހަޅާފައިވާ ގޮތަށް އެ ޕްރޮސެސް ނުދާތީ ކޮމިޓީގައި ކުރައްވާނެ ކަމެއް އަދި ދައްކަވާނެ ވާހަކައެއް ނެތުމުން ނުކުންނެވީ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.