05 Dec 2014, 17:43
އުކާލާފައި ހުންނަ ކާރާއި އެ ނޫން ވެހިކަލްތަކުގެ ސަބަބުން ސައުދީ ރައްޔިތުންނަށް ދަތތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފި އެވެ.
ދަ އަރަބި ނިއުސް ވެބްދައިޓާ ހަވާލާދީ ބީބީސީ އިން ބުދަ ދުވަހު ބުނީ ޖިއްދާގެ މަގުތައް މައްޗަށް އުކާލާފައި ހުންނަ، ދަބަރުން ތައްތެޅިފައި ހުންނަ އަދި ހަޑި މުޑުދާރު ވެހިކަލްތަކުގެ ސަބަބުން އަައްސޭރި ފަށުގެ ރެޑްސީގެ ހިތްގައިމުކަން ވެސް ގެއްލޭ ކަމަށެވެ. އަދި ބުނީ ރައްޔިތުން ބޭނުންކުރާ ވެހިކަލް ޕާކް ކުރުމަށް "ތަކްލީފަކަށް" ވުމުގެ އިތުރަށް މަންޒަރު ހަޑިވާ ކަމަށެވެ. އެ ނޫހުން ބުނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ފަރާތްތަކަށް އިންޒާރުގެ "ޓިކެޓް"ދީ ސްޓިކާ ޖަހާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން މާބޮޑު ނަތީޖާއެއް ނުނުކުންނަ ކަމަށެވެ.
"އުކާލާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން މީހުން އުޅޭ ހިސާބަކުން ޕާކިން ތަންކޮޅެއް ހޯދުން ވަނީ ތަކުލީފަކަށް ވެފައި." އެ ނޫހަށް ވާހަކަ ދެއްކި މުހައްމަދު އަލްހަމްދާނީ ބުންޏެވެ.
ޖިއްދާ ވެފައި ވަނީ ސައުދީ އެރެބިއާގައި އުކާލާ ވެހިކަލްތައް އެންމެ ގިނަ ސިޓީ އަށްވެފަ އެވެ. ބައެއް ފަރާތްތަކުން ބުނީ އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ނަމަވެސް އަރަބް ނިއުސް އަށް ވާހަކަ ދެއްކި ޖިއްދާގެ އޮފިޝަލަކު ވިދާޅުވީ އެފަދަ ކާރުތަކުގެ ވެރިން އެ ކާރުތައް ނައްތާލުމަށް އެދިފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރު ޖިއްދާގެ މަގުތަކުން 900 ވެހިކަލް ނަގާފައިވެ އެވެ. އޭރު އަރަބް ނިއުސް އަށް ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވެފައި ވަނީ ބައެއް ކާރުތަކަކީ ޖިނާއީ މައްސަލަތަކާ ގުޅިގެން އުކާލާފައި ހުންނަ ކާރުތައް ކަމަށެވެ. ނަމަވެސް ބައެއް ކާރުތަކަކީ ދުވަސްވެ، ބާވުމުގެ ސަބަބުން އުކާލާފައި ހުންނަ ތަކެތި ކަމަށެވެ.