މާލެ އެރޭޓަޑް ވޯޓަރ ކޮންޕެނީ އާއި ސަން މީޑިޔާ ގްރޫޕް ގުޅިގެން ރައްޔިތުންނަށް މިނެރަލް ވޯޓަރ ފެން ދޫކުރަން ނިންމައިފި އެވެ.

މިގޮތުން ފެން ދޫކުރަން ފަށާނީ މިއަދު 6:30 އިން ފެށިގެންނެވެ. ސަންމީޑިޔާ އާއި އެމްއޭޑަބުލިއުސީ ގުޅިގެން ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ހިންގާ މިހަރަކާތުގެ ދަށުން 1.5 ލީޓަރުގެ 10000 ފުޅި ބޮނަކުއާ ފެން ރައްޔިތުންނަށް ހިލޭ ދޫކުރަން ވަނީ ނިންމާފައެވެ.



މިހަރަކާތުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ދޫކުރަން ހަމަޖައްސާފައިވަނީ މި ސައިޒުގެ 2 ފުޅި ފެނެވެ. މިގޮތުން ފެންދޫކުރާއިރު ދިވެހިންނަށްވެސް އަދި ބިދޭސިންނަށްވެސް މި ފެން ދޫކުރާނެއެވެ.

"އަޅުގަނޑުމެނާ އެމްއޭޑަބުލިއުސީއާ ގުޅިގެން ހިންގާ މިހަރަކާތުގެ މަގްސަދަކީ މާލޭގައި މިވަގުތު ބޯފެނަށް ޖެހިފައިވާ ވީހާވެސް ގިނަ ބަޔަކަށް އެހީތެރިވެދިނުން އަދި މިކަމުގައި ސަންމީޑިޔާވެސް ބައިވެރިވުން.. މިގޮތުން ބިދެސީންވެސް މިކަމުގައި އިސްތިސްނާ ނުކުރަން އަޅުގަނޑުމެން ނިންމީ އެމީހުންނަކީވެސް މިހާލަތުގައި ބާކީކުރެވޭނެ ބައެއްކަމަށް ނުވާތީ، މިފަދަ ގައުމީ ހިދުމަތެއް ކޮއްދެއްވާތީ މިފުރުސަތުގައި އެމްއޭޑަބްލިޔުސީއަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން" ސަންމީޑިޔާގެ އޮފިޝަލަކު ވިދާޅުވިއެވެ.



މިހަރަކާތުގެ ދަށުން ފެން ހޯއްދަވަން ބޭނުން ފުޅުވާ ފަރާތްތަކުން މިއަދު އިރުއޮއްސި 6:30 އިން ފެށިގެން ސަންމީޑިޔާގެ އިދާރާ (ގ.ވިޔަވަތި) ކުރިމަތިން ފެށިގެން ބުރުޒުމަގުން ހުޅަނގަށްވާގޮތަށް ދުވާރުމަތީގައި އެއްސަފަށްވާގޮތަށް ކިއު ހެއްދެވުމަކީ ސަންމީޑިޔާގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަދު ފެންދޫކުރަން ހަމަޖައްސާފައިވަނީ މިރޭ 11 ޖެހުމާ ހަމައަށެވެ. 11 ޖެހުމުގެ ކުރިން 10000 ފުޅި ފެން ހުސްވެއްޖެނަމަ އެހާހިސާބުން ފެންދޫކުރުން ހުއްޓައިލެވޭނެއެވެ.