މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އެހީތެރިވެދޭން ނިންމީތީ އެމެރިކާ އާއި އިންޑިއާ އާއި ސްރީލަންކާ ސަރުކާރަށް އަދާލަތު ޕާޓީން ޝުކުރު އަދާކޮށްފި އެވެ.

އަދާލަތުން އެ ގައުމުތަކުގެ ސަރުކާރުތަކަށް ޝުކުރު އަދާކުރީ މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގަ އެވެ. މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ސިފައިންނާއި ފުލުހުން ކުރަމުން އަންނަ މަސައްކަތް ޝުކުރުވެރިކަމާއި އެކު ފާހަގަކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާލޭގެ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކެތްތެރިވުމަށް އަދާލަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"...މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމުގެ މިދަތި ދަނޑިވަޅުގައި ރައްޔިތުން ކެތްތެރިވެވަޑައިގެން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަދާލަތު ޕާޓީން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

މާލޭ ވޯޓަ އެންޑް ސްވަރޭޖް އެންޑް ވޯޓަ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޕެނަލްބޯޑްތަކެއްގައި ރޯވެ، އެނދުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައި ވާތީ އިންޑިއާ އާއި ސްރީލަންކާއިން މިހާރު ވަނީ ރާއްޖެއަށް އެހީތެރިވެދޭން ފަށާފަ އެވެ. އެގޮތުން ސްރީލަންކާ އިން ރާއްޖެއަށް ދަތުރު ކުރާ ކޮމާޝަލް މަތިންދާ ބޯޓްތަކުގައި އެ ގައުމުން ފެން ފޮނުވައިދޭން ވަނީ ފަށާފަ އެވެ. އަދި އިންޑިއާގެ ވައިގެ ސިފައިންގެ ދެމަތިންދާ ބޯޓެއް މިހާރު ވަނީ ފެން ހިފައިގެން ރާއްޖެއަށް އައިސްފަ އެވެ.