ރާއްޖޭގެ ވެރިރަށް މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ބޭރުގެ އެކިއެކި ގައުމުތަކުން ވަސީލަތްތަކާ އެކު ރާއްޖެ އަންނަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާސްކު ފޯހުގެ އިސް ވެރިޔާ އަދި ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އެކުވެރި ދައުލަތްތަކުން ރާއްޖެއަށް ބޮޑެތި އެހީތައް ދިނުމަށް ނިންމަވައި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ފަސް މަތިންދާ ބޯޓެއްގައި މާލެއަށް 150 ޓަނުގެ ބޯފެން ގެންނައިރު ފުރަތަމަ ފުލައިޓު މިއަދު މެންދުރު 12:00 ގައި މާލެ އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ފެން އުފައްދާ ދެ މަނަވަރެއް ރާއްޖެއަށް ދަތުރުކުރަމުން އެބަދާ ކަމަށާއި އޭގެ ތެރެއިން އެއް މަނަވަރު މިރޭ ރާއްޖެ އާދެވޭއިރު އަނެއް މަނަވަރު މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ. އެމެރިކާގެ މަނަވަރެއް ރާއްޖެ ދަތުރުކުރަމުން ދާ ކަމަށާއި ލަންކާއިން ރާއްޖެ އަންނަ ކޮންމެ މަތިންދާ ބޯޓަކުން ރާއްޖެއަށް ބޯފެން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން އިރަކުންތޯ ދެންނެވުމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ފެންދޫ ކުރުމުގައި ކުރިއަށް އޮތް ދެތިން ދުވަހު ދަތިތަކާ ކުރުމަތިލާންޖެހުނަސް ކޮންމެ ހަ ގަޑިއިރަކުން އެއްފަހަރު ފެންދޫކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ކުރިއަށް އޮތް ތިން ދުވަހު ގާތްގަނޑަކަށް އަޅުގަނޑުމެނަށް ފެން ދޫކުރުމުގައި ދަތިތަކެއް ދިމާވެދާނެ.ނަމަވެސް ކޮންމެ ހަ ގަޑިއިރަކުން އެއް ގަޑިއިރަކު ފެން ދޫކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ނާޒިމް ވިދާޅުވީ ތިން ޕުލާންޓެއް ރަނގަޅުކުރެވި ފެން އުފައްދަން ފަށާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފެންދޫކުރާ ވަގުތުތަކުގައި އުސްއިމާރާތްތަކަށްވެސް ފެން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެތިން ޕުލާންޓުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފެން ތައްޔާރުކުރަން ފެށޭނެ. މިރޭ 6:00 އިން 7:00 އަށް ފެން ދޫކުރެވޭނެ،" ނާޒިމް ވިދާޅުވިއެވެ.