އިއްޔެ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (ޢެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކެނޑިފައި ވުމުން ވާރޭ ފެން ނަގައި އެފެން ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެ އޭޖެންސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ވާރޭ ފެން ނެގުމުގައި އަދި ފުރާޅުތައް ސާފުނުކޮށް ނެގޭ ފެނުގައި ހިރަފުހުގެ އިތުރުން ބުޅަލާއި މީދާ ފަދަ ތަކެތީގެ ނަޖިސް އެކުލެވިފައި ހުރިތޯ ބަލަން ޖެހޭނެ ކަމަށާއި އެ ފެން ބޭނުން ކުރަން ޖެހޭނީ ރަނގަޅަށް ކެއްކުމަށް ފަހު ކަމަށެވެ.

ފެން ނަގާއިރު އެ ފެން ރައްކާ ކުރާ ހަންތަކާއި ފުޅިތަކަކީ ސާފު އެއްޗެހިކަން ޔަގީން ކުރުމަށް ފަހު ނޫނީ އެ އާލާތްތައް ބޭނުން ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވާރޭފެން ބޭނުން ކުރާއިރު އެ ފެނަކީ ތަޣައްޔަރު ވެފައިވާ ފެނަށް ވެއްޖެނަމަ ބޭރަށް ހިންގުމާއި އެހެނިހެން ބަލިތައް ޖެހިދާނެ ކަމަށް އެޗްޕީއެފް އިން ބުންޏެވެ. އެޗްޕީއެފް އިން ވަނީ ފެން އުފައްދާ ފަރާތްތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކަށް އެ ފެން ދިނުމުގައި ސަމާލުވެތިބުމަށް އިލްތިމާސް ކޮށްފައެވެ.