ފުލުހުން ޒިންމާދާރު ކުރުވުމުގައި ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދިނުމަށް ޔުނައިޓެޑްނޭޝަންސް (ޔޫއެން) އިން އެމެރިކާ އަށް ގޮވާލައިފި އެވެ.

ޔޫއެން އިން މިހެން ބުނީ އެމެރިކާ ފުލުހުންގެ ބަޔަކު މިދިޔަ ޖުލައިމަހު ހަތިޔާރެއް ނެތް އާއްމު ރައްޔިތެއްކަމަށްވާ އެރިކް ގާނާގެ ކަރުގައި ހިފައި ހާސްކޮށްލައިގެން މަރައިލި ހާދިސާގައި އެކަން ކުރި ފުލުހުންނާ ދެކޮޅަށް ދައުވާ ނުކުރަން ނިންމުމުން ކުރަމުން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ.

"... އަހަރެމެން މިތިބި ތަނުގެ (ނިއުޔޯކްގައި ހުންނަ ޔޫއެންގެ މައި އިދާރާ)ގެ ފުރަގަހުގައި ވަމުންދާ ކަންތައްތައް އަހަރެމެންނަށް އެބަ އެނގޭ، ސެކްރެޓަރީ ޖެނެރަލްގެ ވިސްނުންފުޅު ވަނީ ސްޓޭޓެން އައިލެންޑްގެ ރައްޔިތެއްކަމަށްވާ މރ. ގާނާގެ އާއިލާއާ އެކު،" ޔޫއެންގެ ހެޑްކުއާޓަރުގައި ކޮންމެ ދުވަހަކު ބާއްވާ ނިއުސް ބްރީފިންގައި އިއްޔެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫއެންގެ ތަރުޖަމާނު ސްޓެފަނީ ޑުޖެރިކް ވިދާޅުވި ކަމަށް ޔޫއެންގެ ވެބްސައިޓްގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މުޒާހަރާ ކުރާ މީހުން ވެސް ސުލްހަވެރިކަމާއި އެކު މުޒާހަރާކުރުމަށާއި ސުލްހަވެރިކަމާ އެކު މުޒާހަރާކުރާ މީހުންނަށް އެމެރިކާގެ އިދާރާތަކުން އިހުތިރާމް ކުރުމަށް ސެކްރެޓަރީ ޖެނެރަލް ބާންކީމޫން ގޮވައިއްލާ ކަމަށެވެ.

އެމެރިކާގެ ފުލުހުން އަނިޔާވެރި ގޮތުގައި ރައްޔިތުން މެރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. އެފަދަ އެއް ހާދިސާއެއްގައި މިސޫރީގެ ފާގަސަން ނަމަކަށް ކިޔާ ރަށުގައި ކަޅު ނަސްލުގެ ފުރާވަރުގެ ފިރިހެން ކުއްޖަކު މަރައިލި މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ. އެމައްސަލައިގައި ވެސް އެމެރިކާގެ ގްރޭންޑް ޖޫރީން ވަނީ ފުލުސްމީހާއާ ދެކޮޅަށް ދައުވާ ނުކުރަން ނިންމާފައެވެ. އެކަމާ ގުޅިގެން ފާގަސަންގައި ނޮވެމްބަރުމަހު ކުރި މުޒާހަރާތައް ފަހުން ހަމަނުޖެހުންތަކަށް ވެސް ބަދަލުވި އެވެ.