04 Dec 2014, 23:08
ގަތަރުގެ ދޯހާގައި ކުރިއަށް ގެންދާ 12 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެއިން ބައިވެރިވި ފެތުންތެރިން ރާއްޖޭގެ ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފިއެވެ.
އެ މުބާރާތުގައި ބައިވެރިވި ފެތުންތެރިން ވަނީ ރާއްޖެގެ ތިން ގައުމީ ރެކޯޑެއް މިހާތަނަށް އާކޮށްފައެވެ. އެގޮތުން ފިރެހެން އިވެންޓުތަކުގެ ގައުމީ ރެކޯޑްތަކަށް ބަލާލާއިރު، 100 މީޓަރު ބަޓަފްލައި އާއި 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރިކޯޑް މި މުބާރާތުގައި ވަނީ އާކޮށްފައެވެ. އަދި އަންހެން އިވެންޓުތަކުގެ 100 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑްވެސް އެ މުބާރާތުގައި ވަނީ އާ ކޮށްފައެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ތިން ފެތުންތެރިއަކު ބައިވެރިވެފައި ވާއިރު، މުބާރާތުގައި ބައިވެރިވި ފެތުންތެރިންނަކީ ނިޝްވާން އިބްރާހިމް އާއި މުހައްމަދު މުއުތަސިމް އަދުނާނު އަދި އައިމިނަތު ޝަޖަން އެވެ. މި ތިން ފެތުންތެރިންގެ ތެރެއިން ކޮންމެ ފެތުންތެރިއަކުވެސް ވަނީ ގައުމީ ރިކޯޑެއް އާކޮށްފައެވެ.
މުއުތަސިމް އާ ކޮށްފައިވާ ރިކޯޑަކީ 100 މީޓަރު ބަޓަފްލައިގެ ރިކޯޑެވެ. 100 މީޓަރު ބަޓަފްލައިގެ ގައުމީ ރިކޯޑް މީގެ ކުރިން ހާސިލްކޮށްފައި ވަނީ 2008 ވަނަ އަހަރު މި އިވެންޓް އެއް މިނެޓާއި ނުވަ ސިކުންތުން ނިންމި މުހައްމަދު ރާއިދު އަލީ އެވެ. މުއުތަސިމް ވަނީ ފީނާ ޗެންޕިއަންޝިޕް ގައި މި އިވެންޓު އެއް މިނެޓާއި އަށް ސިކުންތުން ނިންމާފައެވެ.
މިހާރު ކުރިއަށްދާ ފީނާ ޗެންޕިއަންޝިޕް ގައި ނިޝްވާން އާކޮށްފައިވާ ގައުމީ ރިކޯޑަކީ 100 މީޓަރު ފްރީސްޓައިލްގެ ރިކޯޑެވެ. މި އިވެންޓުގައި 2010 ވަނަ އަހަރު ހަސަން އިނާޔަތު ގައުމީ ރިކޯޑެއް ހަދާފައި ވާއިރު، އޭނާގެ ރިކޯޑް މުގުރާލާފައި ވަނީ މިފަހަރުގެ ފީނާ ޗެންޕިއަންޝިޕްގައި މުއްތަސިމް އެވެ. މުއްތަސިމް މި އިވެންޓު 26.70 ސިކުންތުން ނިންމާފައި ވާއިރު، ނިޝްވާން ވަނީ ހަމަ އެ މުބާރާތުގައި އެ އިވެންޓު 25.85 ސިކުންތުން ނިންމައި، ގައުމީ ރިކޯޑް އާ ކޮށްފައެވެ.
އެ މުބާރާތުގައި އަންހެން އިވެންޓުތަކުގެ ގައުމީ ރިކޯޑް އާކުރި ފެތުންތެރިއަކީ އައިމިނަތު ޝަޖަން އެވެ. އޭނާ އާކޮށްފައިވާ ގައުމީ ރިކޯޑަކީ 100 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑެވެ. އެ އިވެންޓް 2008 ވަނަ އަހަރު، އެއް މިނެޓާއި ނުވަ ސިކުންތުން އައިމިނަތު ރޫޔާ ހުސައިން ނިންމާފައި ވާއިރު، މިފަހަރުގެ ފީނާ ޗެންޕިއަންޝިޕްގައި ޝަޖަން ވަނީ މި އިވެންޓް އެއް މިނެޓާއި ހަ ސިކުންތުން ނިންމާފައެވެ.