މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ ހުރިހާ އޮފީހަކުން ދޭ އެކިއެކި ޚިދުމަތްތަށް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް މިއަހަރުގެ މާޗު މަހުން ފެށިގެން އޮފީސް މެދުވެރިކޮށް ހުރިހާ ރަށަކުން ލިބެން ހުންނާނެ ގޮތް ހަމަޖެއްސެވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސްގެ ދެންނެވުމެއްގައި ވަނީ، ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި ރައްޔިތުން ބޭނުންވާ ބައެއް ޚިދުމަތްތައް ރަށްރަށުން ލިބެން ނެތް ނަމަވެސް، ޚިދުމަތަކަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް އެމީހަކު ދިރިއުޅޭ ރަށަކުން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

" ވީމާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން ރައްޔިތުން އެކި ޚިދްމަތް ހޯދުމަށް އެދި ހުށަހެޅުމަށް ތައްޔާރުކުރައްވާފައި ހުންނަ ފޯމުތައް، ޕްރޮވިންސް އޮފީސްތައް މެދުވެރިކުރައްވައި، މީހުން އުޅޭ ކޮންމެ ރަށަކުންވެސް 1 މާޗް 2011 އިން ފެށިގެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް،" ރައީސްގެ އެ ދެންނެވުމުގައި ވެއެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި އިތުރަށް ބުނަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށެވެ.

ނަމަވެސް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ރަށުގައި ތިބެގެން ފަސޭހަ ކަމާއެކު ލިބެން ނެތުމުންނާއި، އެފަދަ އެކި ޚިދުމަތްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމު ވެސް ރަށުން ލިބެން ނެތުމުން، އެކަމުގެ ޝަކުވާތައް ރައީސް ނަޝީދަށް ވަރަށް ގިނައިން ލިބެމުންދާ ކަމަށެވެ.