ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކާމިޔާބީތަކަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި، އެ ޓީމަށް ދިމާވެފައިވާ ދަތިތަކާ ގޮންޖެހުންތައް އޮޅުންފިލުވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އެ ޓީމާއި ބައްދަލުކޮށްފިއެވެ.

މިއަދު އެފްއޭއެމްގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެ ވަޑައިންނެވިއެވެ. މި ބައްދަލުވުމުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކާމިޔާބީ އާއި ބުރަ މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ވަނީ ޓީމަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖެގެ ގައުމީ ކުޅިވަރު ކަމަށާއި، އެއީ ވަކި ޖިންސަކަށް ޚާއްސަ ކުޅިވަރެއް ނޫން ކަމަށެވެ.

ގައުމީ އަންހެން ޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކިތަންމެ ކުޑަ ކާމިޔާބީއެއް ހޯދަންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ގިނަ ވަސީލަތްތަކެއް ހުރި ތަރައްގީ ވެފައިވާ ގައުމުތަކެއްގެ ޓީމްތަކާއި ބައްދަލުކޮށް ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީއަކީ ފާހަގަ ކޮށްލުން ހައްގު ކާމިޔާބީއެއް ކަމަށެވެ.

"ގައުމީ އަންހެން ޓީމް ހޯދި ކާމިޔާބީއަށް ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން މަރުހަބާ ކިޔަން. މި ކުޅިވަރު ރާއްޖޭގެ އަންހެނުން ތެރޭގައި ދިރުވައި، ގައުމީ އަންހެން ޓީމް ކުރިއަރުވަން ސަރުކާރުގެ މުއައްސަސާތަކުންނާއި ކުޅިވަރުގެ ދާއިރާގައި އުޅޭ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭ. ރާއްޖޭގެ ގައުމީ ފިރެހެން ޓީމް ހޯދި ކާމިޔާބީ ހޯދަން، އެ ޓީމުގެ ކުޅުންތެރިން އުޅޭ އޮފީސްތަކުންނާއި ސަރުކާރުގެ އިތުރުން ކުންފުނިތަކުންނާއި ވިޔަފާރިވެރިންގެ ފަރާތުންވެސް އެހީތެރިކަން ލިބުނު. ހަމަ އެފަދައިން ގައުމީ އަންހެން ޓީމަށްވެސް އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަޅުގަނޑު ގޮވާލަން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ގައުމީ ޓީމްގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތު ބުނީ ގައުމީ އަންހެން ޓީމަކީ ރާއްޖޭގައި ވަރަށް "ލޯ ޕްރޮފައިލެއްގައި" އުޅޭ ޓީމެއް ކަމަށާއި، އެ ޓީމާ ބައްދަލުކޮށް ޖެންޑާ މިނިސްޓްރީން އެ ޓީމްގެ ކަންކަން އޮޅުންފިލުވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާ ބުނީ އަންހެނުން ފުޓްބޯޅަ ކުޅުމުން ނޭދެވޭ ގޮތުގައި ގިނަ ވާހަކަތަކެއް ރާއްޖޭގެ މުޖުތަމައުގައި ދެކެވޭ ކަމަށާއި އެހެންވުމުގެ ސަބަބުންނާއި އެނޫންވެސް ކަންތައްތަކާ ހުރެ ޓީމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހޭކަމަށެވެ.

"އަޅުގަނޑުމެނާ މެދު މީޑިއާ ތަކުގައި އަދި މުޖުތަމައުގަވެސް ގިނަ ނޭދެވޭ ވާހަކަތަކެއް ދެކެވޭ. އެކަން ބަދަލުކުރަން އަޅުގަނޑުމެން ވަރަށް ބޭނުން، އަދި އެކަމުގައި އެހީތެރިވެ ދިނުމަށް މީޑިއާތަކުގައިވެސް އަޅުގަނޑުމެން އެދެން. ޓީމްގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ގައުމީ ފެންވަރެއްގައި ޚިދުމަތް ކޮށްދޭ ކުޅުންތެރިން އެބަ ތިބި. މި ކުޅިވަރު އަންހެނުން ކުޅޭއިރު، ގިނަ ފަހަރަށް މަސައްކަތްކުރާ އޮފީސް ތަކުންނާއި އާއިލާތަކުންވެސް ލިބެންޖެހޭ ވަރުގެ އެއްބާރުލުމެއް ނުލިބޭ. މިކަންކަން ބަދަލުކުރުމަށް ސަރުކާރުގެ އެހީތެރިކަން އަޅުގަނޑުމެން ވަރަށް ބޭނުން. ބޭރު ގައުމަކަށް ގޮސް ރާއްޖެ ތަމްސީލު ކުރާއިރު ލިބޭ ބަލައިގަތުން ރާއްޖޭގެ މުޖުތަމައުގެ ފަރާތުންވެސް އަޅުގަނޑުމެން ލިބެން އެދެން،" މިރުފަތު ބުންޏެވެ.

އެންމެ ފަހުން ރާއްޖޭގެ ގައުމީ އަންހެން ޓީމް ބައިނަލްއަގްވާމީ ގޮތުން ކުޅެފައި ވަނީ އަންހެނުންގެ ސާފް ޗެންޕިއަންޝިޕްގައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ އަންހެން ޓީމް އަފްޣާނިސްތާނުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައި ވާއިރު، މިރުފަތު ބުނީ އެ ކާމިޔާބީ ދުވަހަކު ވެސް ހަނދާނުން ނެތިގެން ނުދާނެ ކަމަށެވެ.

"އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މުބާރާތުގައި ސެމީފައިނަލް ކުޅެން އަޅުގަނޑުމެން ތިބީ ވަރަށް ބޭނުންވެފައި. މިފަހަރުގެ މުބާރާތުގައި ސެމީފައިނަލާ ހަމައަށް ދަތުރު ނުކުރެވުނަސް، އަންނަ އަހަރުގެ މުބާރާތްތަކުގައި އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބީތަކެއް ހޯދާނަން،" މިރިފަތު ބުންޏެވެ.

ރާއްޖޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމެއް ފުރަތަމަ އުފެދިފައި ވަނީ 2003 ވަނަ އަހަރު އެވެ. އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ގައުމީ އަންހެން ޓީމް މެޗެއް ކުޅެފައި ވަނީ 2004 ވަނަ އަހަރުއެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ ގައުމީ އަންހެން ޓީމް ގިނަ ކުރިއެރުންތަކެއް ހޯދަފައިވާއިރު، އެފްއޭއެމުން ވަނީ ގައުމީ އަންހެން ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ ކޯޗެއް ގެނެސްފައެވެ.