ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރި ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ބާތިލު އިޖުރާއަތުގެ މައްޗަށް ބިނާކުރެވޭ ކަމަކީ ބާތިލު ކަމެއް ކަމަށް ކަނޑައަޅާފައިވާ މަބުދައުގެ މައްޗަށް ބިނާކޮށް، އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ ކަމަށް އެ ހުކުމްގައި ވެއެވެ.

ހުކުމް އިއްވުމަށްޓަކައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ އެ މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ޝަރީއަތަށް އިއްވާފައެވެ.

އިސް ގާޒީ ވިދާޅުވީ ސިޔާމްގެ ދަބަސް ފްލައިޓުން ނަގައިގެން ބެލްޓަށް ލި އިރު އޭގައި ތަޅުނުލާ ހުރިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރި ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގައި ސިޔާމްލައްވައި ސޮއިކޮށްފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ޝަރީއަތަށް ފާހަގަކުރުނު ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ސާފުކޮށް އެނގެން ނެތް ކަމަށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ މައްސަލައި ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ވެއެވެ.

އިސް ގާޒީ ވިދާޅުވީ ސިޔާމްގެ ފޮށި ޗެކްކޮށްފައި ވަނީ އޭނާގެ ހާޒިރުގައި ނޫން ކަމަށް ހެކީން ބުނާއިރު، ފޮށި ބަލައި ޗެކްކުރީ ސިޔާމް ކަނޑައެޅުއްވި ފަރާތެއްގެ ހާޒިރުގައިކަން ވެސް ސާފުކޮށް އެނގެން ނެތް ކަމަށެވެ.

ސިޔާމްގެ ފޮށިން ފެނުނު ކަމަށް ބުނާ ފުޅިން ފިންގާ ޕްރިންޓު ނަގާފައިވާ ކަމަށާއި އެހެންނަމަވެސް ފިންގާ ޕްރިންޓް ނެގި ރިޕޯޓު ޝަރީއަތަށް ހުށަހަޅާފައި ނުވުމުން އެނގިގެންދަނީ ސިޔާމްގެ ފިންގާ ޕްރިންޓާ އެ ފުޅިން ފެނުނު ފިންގާ ޕްރިންޓާ ދިމާނުވާކަން ކަމަށް އޭނާގެ ވަކީލު އަލީ ޝާހު ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.