ގަވާއިދާ ޚިލާފަށް 52 ފުޅި ބަނގުރާ ގެންގުޅުނު މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގ. ރެޑްޕާލް އަލީ ޔާމީންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:29 އެހައިކަންހާއިރު އޭނާ ބަނގުރާ ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ގ. ރެޑްޕާލްގޭގައި އަލީ ޔާމީން ދިއުޅޭ ކޮޓަރި އޭނާގެ ހާޒިރުގައި ފުލުހުން ބަލައި ފާސްކުރި އިރު، އެކި ބްރޭންޑުގެ 52 ފުޅި ބަނގުރާ އެ ކޮޓަރިތެރެއިން ފެނިފައިވާ ކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ އަލީ ޔާމީން ދިއުޅޭ ކޮޓަރިތެރެއިން ފެނުނު ބަނގުރާ ފުޅިތަކަކީ އޭނާގެ ތަކެތި ނޫން ކަމަށް ޔާމީން ބުނިނަމަވެސް، އެތަކެތީގެ ޒިންމާ އަލީ ޔާމީން ފިޔަވައި އިތުރު މީހަކު ނަގަން ޖެހޭފަދަ ހަލާތެއް މެދުވެރިވެފައިނުވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.