04 Dec 2014, 17:41
ގައުމީ ސްޓޭޑިއަމް ކައިރީގައި ހުރި ފިހާރައަކަށް ފެންގަންނަން ދިޔަ ބަޔަކު ބޭނުންވި މިންވަަރަށް ފެން ނުވިއްކައިގެން ފިހާރައިގެ ތެރޭގައި ހަމަނުޖެހުން ހިންގައި ސޭޓަށް ހަމަލާދީފި އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހަވީރު 5 ޖަހާއެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ އެ ފިހާރާގައި އިން ބިދޭސީ ސޭޓަކަށް ކަމަށާއި އޭނާ އަށް ހަމަލާދީ ހަމަނުޖެހުން ހިންގީ އެ ފިހާރައަށް ފެން ގަންނަން ދިޔަ ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ.
ފުލުހުން ބުނީ ބޭނުންވި ވަރަށް ފެން ނުވިއްކައިގެން "ޑީ ޑަރައިވް" ފިހާރައިގެ ސޭޓަށް ހަމަލާދިން ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުން އޭނާގެ ބޮލުގައި "ލަޓިބުރިއަކުން" ޖެހުމަށް ފަހު އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި އަނިޔާވި ބިދޭސީ މީހާ އަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ސަން އަށް މައުލޫމާތުދިން މީހާ ބުންޏެވެ.
"އެ މީހުން ބޭނުންވީ ފެން ކޭހެއް ގަންނަން ނަމަވެސް ސޭޓު ބުނީ މީހަކަށް ވިއްކާނީ ދެ ފުޅިއޭ، އެހެންވެ އެކަމާ ހިތްހަމަނުޖެހިގެން އެމީހުން ވަނީ ފިހާރައިގެ ތަކެއްޗަށް ގެއްލުންދީ އެމީހާގެ ބޮލުގައި ލަޓިބުރިއަކުން ޖަހާފައި،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ފިހާރައިން ކޮންމެ މީހަކަށް ވެސް މިއަދު ވިއްކަމުން ގެންދަނީ 5 ލީލަރުގެ ދެ ފުޅި ފެން ކަމަށާއި އެ މީހުން އައިސް މާރާމާރީ ހިންގި އިރު ވެސް ފިހާރަ ކައިރީގައި ފެންގަންނަން ކިޔުގައި މީހުން ތިބި ކަމަށެވެ.
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި އޭގެ ފަހުން ފެން ހޯދުމަށް ފިހާރަތަކަށް ލޯޑު ބޮޑުވަމުންދާ އިރު ބައެއް ތަންތަނުން ވަނީ ފެނުގެ އަގު ވެސް ބޮޑުކޮށްފަ އެވެ.