އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމަށާއި އިތުރު ދެ ރަށެއްގެ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަހިބަދޫ އަތޮޅު ހޮސްޕިޓަލު މަރާމާތު ކުރަން ހަތަރު ލައްކަ ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އެ ރަށު ދުންފިނިގޭ، އަބުދުލް އަޒީޒް އިބްރާހިމްއާ އެވެ. އެ މަސައްކަތް އޭނާއާ ހަވާލުކޮށްފައި ވަނީ 40 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެ އެބަސްވުމުގައި ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

ށ. މިލަންދޫ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިނިސްޓަރު ނާޒިމް ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެބަސްވުމުގައި ސޮއި ކުރެއްވި އިރު، ޔުމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ނަސީރެވެ.

ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަކީ 100 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ތ. ގާދިއްފުށީ ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ އެ އަތޮޅު ވޭމަންޑޫ ބޮކަރުމާގޭ އަބުދުﷲ މުފީދާ އެވެ.

ދެ ލައްކަ ރުފިޔާގެ އެ ޕްރޮޖެކްޓަކީ 40 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

ދެ ރަށެއްގެ ހެލްތު ސެންޓަރާއި ހޮސްޕިޓަލެއްގެ އާބާތުރަ ފިލުވަން ބަޔަކާ މިއަދު ހަވާލުކުރި އިރު، ސަރުކާރުން ބުނެފައި ވަނީ އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ އާބާތުރަ ފިލުވަން އަމާޒު ހިފާފައިވާ ކަމަށެވެ.