04 Dec 2014, 17:18
ހުޅުމާލެ ޔޫތު ސިޓީއަކަށް ބަދަލުކުރުމަށްޓައި، ތަރައްގީގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަންހަމަޖެހިފައިވާ ބިން ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ސުހައިލް އަހްމަދެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއިން އެ މިނިސްޓްރީއަށް ދޫކޮށްފައިވަނީ ޖުމްލަ 3،30،000 އަކަފޫޓްގެ ބިމެއް ކަމަށާއި އެ ބިންތަކުގައި އެޅުމަށް ހަމަޖެހިފައިވަނީ ޝޫޓިންގް ރޭންޖްއެއްގެ އިތުރުން އީކުއޭޓިކް ސެންޓަރެއް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ޝޫޓިންގް ރޭންޖް ޝޫޓިންގް އެސޯސިއޭޝަނާ ހަވާލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް ވިދާޅުވީ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ސަރުކާރުން ތަރައްގީކުރާ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
