ބާލިން (ޑިސެމްބަރު 4): ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

ބާލިންގައި މަރުކަޒު ހުންނަ މިޖަމްއިއްޔާއަކީ މުސްތަގިއްލު އެންޖީއޯ އެކެވެ. އެ ޖަމްއިއްޔާ އިން މިކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަނާއި ފަސާދަ އަށަގެންފައިވާ މިންވަރު ބެލުމަށް ފަހު ނެރެފައިވާ އަހަރީ ރިޕޯޓްގަ އެވެ. މިރިޕޯޓްގައިވާ ގޮތުން ދުނިޔޭގައި ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިޔާ، އެންގޯލާ، ޕާކިސްތާން، ބަންގްލަދޭޝް، ސޫދާން އުތުރުކޮރެޔާ މިސްރު އަދި ސަބްސަހަރަން އެފްރިކާގެ ގައުމުތަކާއި ލެޓިންއެމެރިކާގެ ބައެއް ގައުމުތައް ހިމެނެ އެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ބްރިކްސްގެ ގައުމުތަކުގެ ތެރެއިން ޗައިނާއާއި ތުރުކީ ފަދަ ގައުމުތަކުގައި ވެސް ކޮރަންޝަން އިތުރުވެފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން ތުރުކީގެ އިންޑެކްސް މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރު 5 ޕޮއިންޓް ދަށަށް ގޮސްފައިވާއިރު ޗައިނާގެ އިންޑެކްސް ވެސް ވަނީ 4 ޕޮއިންޓް ފަހަތަށް ގޮސްފަ އެވެ. މީގެ އިތުރުން ބްރަޒީލް އާއި ރަޝިޔާގެ އިންޑެކްސްވެސް މިދިޔަ އަހަރާއަޅާބަލާ އިރު ދަށަށްގޮސްފައިވާ ކަމަށް މިރިޕޯޓް ބުނެ އެވެ.

މިރިޕޯޓް ބުނާގޮތުން ކޮރަޕްޝަންގެ މައްސަލަތައް އެންމެ ކުޑައީ ޑެންމާކް، ނިއުޒިލެންޑް، ފިންލެންޑް، ސްވިޑްން، ކެނެޑާ އަދި ސިންގަޕޫރުގަ އެވެ. ޔޫރަޕަށްބަލާއިރު ހުޅަނގު ޔޫރަޕްގެ ގައުމުތަކަށްވުރެ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ކޮރަޕްޝަން އިންޑެކްސް މައްޗެވެ. ނަމަވެސް ހުޅަނގު ޔޫރަޕާއި އެމެރިކާގައި ވެސް ކޮރަޕްޝަނުގެ މައްސަލަތައް އުޅޭކަން ފާހަގަކޮށްފައިވެ އެވެ.

މިރިޕޯޓްގައިވާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަނުން ހޯދާ ފައިސާ ދުނިޔޭގެ ބޮޑެތި ބޭންކްތަކުގެ ނިޒާމުގެ ތެރެއަށް ވައްދައި އެފައިސާއަކީ ސައްޙަ ފައިސާ ކަމަށް ހެދުމުގައި ބޭންތަކުން ނުބައި ދައުރެއް އަދާކުރާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދަށް ވެސް މިފަދަ ވަގުފައިސާ ވަންނައިރު އެގައުމުތަކުގެ ސަރުކާރުތައް އެކަމަށް ލޯމަރާލައިގެން އެފައިސާގެ އިގްތިސާދީ ފައިދާ ހާސިލް ކުރަމުން ގެންދާކަމަށް ބުނެފައިވެ އެވެ. (ބީބީސީ)