މާލޭގެ އާ ހާބަރު ސަރަހައްދުން ބިން ވިއްކުން މުނިސިޕަލްޓީގެ މައްޗަށް މަނާ ކުރުމަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން، އެ ސަރަހައްދުން ބިން ގަނެފައިވާ ހަތަރު ފަރާތާ އެ ބިންތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލެ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު މިއަދު ވިދާޅުވީ، އާ ހާބަރު ސަރަހައްދުން ހަތަރު ފަރާތަކުން ބިން ގަނެފައިވަނީ ވަރަށް ބޮޑު ޚަރަދެއްކޮށްގެން ކަމަށާއި އެ ފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް، ނީލަމަށް ހުޅުވާލި 11 ބިމުގެ ތެރެއިން މިހާތަނަށް ނުވިކި އޮތް ހަތް ބިން ނީލަމަށްލާނަންތޯ ދެންނެވުމުން އާދަމް މަނިކު ވިދާޅުވީ، އަދި އެ ބިންތައް ނީލަން ކިޔަން އަދި ނިންމާފައިނުވާ ކަމަށެވެ. އަދި ނީލަން ހުޅުވާލާނެ އިރެއް ވިދާޅެއް ނުވެ އެވެ.

"ކޯޓުން އަންގަވައިފަ އޮތީ ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިމެންދެން، ނޫނީ ވަކި ގޮތަކަށް އަންގަވަންދެން އެކަން މެދުކަނޑާލާށޭ. އެހެންވެ، އަޅުގަނޑުމެން މެދުކަނޑާލި ހިސާބުން ކުރިއަށްގެންދާނީ،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ ސަބަބުން އާހާބަރުން ބިން ގަތް ފަރާތްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވި އެވެ: "އިދިކޮޅު ފަރާތްތަކުން ވެސް ސިޔާސީ ވިސްނުމާ ބެހޭ ގޮތުން އަދި ބަހުސްކޮށް ކަންތައްތައް ކުރެއްވި ކަމަށްވިޔަސް ރައްޔިތުންނަށް އެކަހަލަ ބޮޑެތި ގެއްލުން ލިބޭ ކަންތައްތައް ނުކުރާށޭ އަޅުގަނޑު ދަންނަވާނީ،"

އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކާ ގޮތަށް ހުޅުވާލައިފައި އޮތީ މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގެ 50000 އަކަފޫޓުގެ ބިމެވެ. އެއީ 2000 އަކަފޫޓުގެ ފަސް ބިމާއި، 5000 އަކަފޫޓުގެ ތިން ބިމާއި، 7500 އަކަފޫޓުގެ ދެ ބިމާއި، 10000 އަކަފޫޓުގެ އެއް ބިމެވެ.

ނަމަވެސް، އެތަނުން ހަތަރު ބިމެއް މުނިސިޕަލިޓީން ވިއްކާފައިވަނިކޮށް އެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މަދަނީ ކޯޓުން އަމުރު ނެރުނީ ސެޕްޓެމްބަރު 22، 2010 ގަ އެވެ. އޭގެ ފަހުން މުނިސިޕަލްޓީން ވަނީ އަމުރަށް ކިޔަމަން ވުމުގެ ގޮތުން ބިން ވިއްކުމުގެ ނީލަން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އާހާބަރު ސަރަހައްދުން އެންމެ ފުރަތަމަ ބިން ގަނެފައި ވަނީ އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން، 21.75 މިލިއަން ރުފިޔާ އަށް، ބީއެޗުއެމް ޓްރޭޑާސްގެ ވެރިޔާ، ހ.ކެލީކްސް ހުސައިން މޫސާ އެވެ. އެއަށްފަހު 2000 އަކަފޫޓުގެ ދެ ބިމެއް ގަނެފައި ވަނީ، ކަރަންޓް ހޮޅިބުރި އާއި އަދި އެނޫން ވެސް ދިއްލުމަށް ބޭނުން ކުރާ ސާމާނު ވިއްކާ ސަން ފްރަންޓުން، 27 މިލިއަން ރުފިޔާ އަށެވެ. އަދި ހަތަރު ވަނަ ބިން ގަނެފައިވަނީ މަޝްހޫރު ޓޫރިޒަމް ވިޔަފާރި ކުންފުނި ޔުނިވަސަލް އިންނެވެ. އެކުންފުނިން 7500 އަކަފޫޓްގެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 6200 ރުފިޔާގެ ރޭޓުން 46.5 މިލިއަން ރުފިޔާއަށެވެ.