މާލެއިން ފެން ކެނޑުމާ އެކު "މިނަރަލް ވޯޓާ" ވިއްކާ އަގު ބައެއް ފިހާރަތަކުން ބޮޑުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުންނާއި އަދި ސަންގެ ނޫސްވެރިން ބައެއް ފިހާރަތަކަށް ގޮސް ބެލިބެލުމުން މީގެ ކުރިން 14 ރުފިޔާ އަށް ވިއްކި ފަސް ލީޑަރުގެ ފެންފުޅެއް މިހާރު ކަންމަތީ ފިހާރަތަކުން ވިއްކަމުން ދަނީ 15 ރުފިޔާ އާއި 16 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ.

ބައެއް ފިހާރަތަކުން ފެން އަގު ބޮޑުކޮށް ވިއްކާ އިރު ގިނަ ފިހާރަތަކަކުން ވަނީ މިނަރަލް ވޯޓާ ހުސްވެސްވެފަ އެވެ.

ފިހާރަތަކަށް ފެން ސަޕްލައި ކުރާ ކުންފުނިތަކަށް ބާރު ބޮޑުވެފައިވީ ނަމަވެސް އެކުންފުނިތަކުން ފެން އަގު ބޮޑުކޮށްފައެއް ނުވެ އެވެ.

ފެނަށް ބާރު ބޮޑުވީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން މުޅި މާލެއިން ފެން ކެނޑުމާ ގުޅިގެންނެވެ.

އެމްޑަބްލިޔުއެސްސީގެ އޮފިޝަލް ވިދާޅުވީ ފެނުގެ ހިދުމަތް ހައްލުކުރެވޭނެ ވަކި ވަގުތެއް ބުނަންނޭނގޭ ކަމަށާއި ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭގައި ފެން ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ސުޓެލްކޯއާއި ގުޅިގެން ފެން ފޯރުކޮށްދިނުމަށް ކަރަންޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެން ލިބުނު ނަމަވެސް ފެން ލިބޭނީ ވަރަށް ލޯ ޕުރެޝަރެއްގައި ކަމަށެވެ.

"ލޯ ޕުރެޝަރެއްގައި ފެން ލިބިގެންދާނީ، ހައްލުވާނެ ސީދާ ވަގުތެއް ބުނާކަށް ނޭނގޭ،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ ފެންކުންފުނި ހިންގާ ގޯތީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް އެ އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.