ބައިނަލްއަގްވާމީ ހޭޑްބޯލް ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ހޭންޑްބޯލް ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ޕާކިސްތާނުގެ ފައިސަލް އާބާދުގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 22-49 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ރާއްޖެއިން 11 ލަނޑު ޖަހާފައިވާއިރު އިދިކޮޅު ޓިމުން ވަނީ 25 ލަނޑު ޖަހާފައެވެ.

އެ މެޗާ ބެހޭ ގޮތުން ގައުމީ ޓީމުގެ ކޯޗު ބުނީ ބައިނަލްއަގުވާމީ ފުރަތަމަ މެޗަށް ބަލާއިރު، ޓީމުން ދައްކާފައިވަނީ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި ބަލިވާން ދިމާވި ސަބަބެއް ކަމުގައި ކޯޗު ބުނީ އެއީ މާލޭގައި ޓިމު ވިނަގަނޑުގައި ޕްރެކްޓިސް ކުރުމަށްފަހު ޕިޗެއްގައި ޕްރެކްޓިސް ކުރަން ޖެހުމުން ދިމާވިކަމެއް ކަމަށެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕު އުސޫލުން ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް 'އޭ' ގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަފްޣާނިސްތާން އަދި ޔަމަން ހިމެނެއެވެ. ނަމަވެސް ވިސާ މައްސަލައަކާ ގުޅިގެން އިންޑިޔާ މުބާރާތުގައި ބައިވެރިވެފައެއް ނުވެ އެވެ. އަދި ގްރޫޕް 'ބީ' ގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.