04 Dec 2014, 16:05
ޗެލްސީގެ މައްޝޫރު ސްޓްރައިކަރު ޑިޑިއާ ޑްރޮގްބާ ކުޅުމާ ދުރުވާން ނިންމިކަމުގައި ވިޔަސް ޗެލްސީއަށް ޚިދުމަތް ކުރުމަށް އޭނާއަށް ފުރުސަތު އެބައޮތް ކަމަށް އެ ކްލަބްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ޑްރޮގްބާ ފުޓްބޯޅަ ކުޅުމާ ދުރަށް ދިޔަކަމުގައި ވިޔަސް އޭނާ ޗެލްސީގައި މަޑުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޗެލްސީގައި ހުރެގެން ޑްރޮގްބާގެ ކެރިއާ ނިންމާލުމަކީ ކޯޗެއްގެ ހައިސިއްޔަތުން ބޭނުންވާ ގޮތް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
"ޑްރޮގްބާ އަކީ ވަރަށް އާދަޔާ ޚިލާފު ކުޅުންތެރިއެއް. އޭނާއަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ނޫން. އޭނާއަކީ ހިތްތިރިކަމާއެކު ޓީމަށް މެޗު ކުޅެދޭ ކުޅުންތެރިއެއް. ޑްރޮގްބާ އަކީ ވަރަށް ހުނަވެރި ކުޅުންތެރިއެއް،" ޑްރޮގްބާގެ ކުޅުމުގެ ފެންވަރާ ބެހެގޮތުން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޑްރޮގްބާގެ ހުނަރު އޭނާއަށް ފާހަގަ ކުރެވިފައި ވަނީ ޗެލްސީން އެކަނި ނޫން ކަމަށާއި، އެހެން ކްލަބުތަކުން ފެނިގެންދިޔައިރު ވެސް ޑްރޮގްބާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އަހަރެން ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިން އިރުވެސް ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ޑްރޮގްބާގެ ހުނަރުވެރިކަން އަހަންނަށް ފާހަގަވި. އަދިވެސް އޭނާގެ އެ ހުނަރުވެރިކަން އެބަހުރި،" މޮރީނިއޯ ބުންޏެވެ.
އޭނާގެ ގައުމީ ޓީމް ކަމަށްވާ އައިވަރީ ކޯސްޓަށްވެސް ކުޅެދިން ޑްރޮގްބާ ވަނީ މި އަހަރުގެ އޯގަސްޓު މަހުގެތެރޭގައި ބައިނަލްއަގްވާމީ ގޮތުން ފުޓްބޯޅަ ކުޅުމާ ދުރުވެފައެވެ. 2002 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އައިވަރީ ކޯސްޓަށް 104 މެޗު ކުޅެދީފައި ވާއިރު، މި މުއްދަތުގެ ތެރޭގައި ޑްރޮގްބާ ވަނީ އެ ޓީމަށް 65 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އަދި 2004 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ޗެލްސީއަށް ކުޅެދީފައި ވާއިރު، 2012 ގައި ޗެލްސީ ދޫކޮށްލުމަށްފަހު އަނެއްކާވެސް ޑްރޮގްބާ އެ ޓީމާގުޅިފައި ވަނީ މި އަހަރުގެ ތެރޭގައެވެ. މީގެ ކުރިން ޗެލްސީއަށް ކުޅެދިން އަށް އަހަރުގެ ތެރޭގައި ޑްރޮގްބާ ވަނީ އެ ޓީމަށް 226 މެޗު ކުޅެދީ 100 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެންމެފަހުން ޗެލްސިއާ ގުޅުމަށްފަހު ޑްރޮގްބާ އެ ޓީމަށް އަށް މެޗު ކުޅެދީފައިވާއިރު ދެ ލަނޑު އޭނާ ވަނީ އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.