04 Dec 2014, 14:44
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން މުޅި މާލެއިން ފެން ކެނޑިއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި މާލެއިން ފެން ކެނޑިގެންދާނެ ކަމަށެވެ. އެމައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް ފެނުގެ ހިދުމަތް އަލުން ދޭނެ ކަމަށް ވިދާޅުވި ނަމަވެސް ފެން ލިބޭނެ ވަކި އިރެއް ވިދާޅެއްނުވެއެވެ.
"ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބބަުން އާންމުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް، އެމްޑަބްލިޔުއެސްސީ އިން ނިހާޔަތަށް މައާފަށް އެދެން" އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީގެ އޮފިޝަލް ވިދާޅުވީ ފެނުގެ ހިދުމަތް ހައްލުކުރެވޭނެ ވަކި ވަގުތެއް ބުނަންނޭންގޭ ކަމަށާއި ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭގައި ފެން ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ސުޓެލްކޯއާއި ގުޅިގެން ފެން ފޯރުކޮށްދިނުމަށް ކަރަންޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެން ލިބުނު ނަމަވެސް ފެން ލިބޭނީ ވަރަށް ލޯ ޕުރެޝަރެއްގައި ކަމަށެވެ.
"ލޯ ޕުރެޝަރެއްގައި ފެން ލިބިގެންދާނީ، ހައްލުވާނެ ސީދާ ވަގުތެއް ބުނާކަށް ނޭންގޭ" އޮފިޝަލް ވިދާޅުވިއެވެ.
ދައުލަތުގެ ފެންކުންފުނި ހިންގާ ގޯތީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއްގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް އެއަލިފާން މިހާރު ވަނީ ކޮންޓުރޯ ކުރެވިފައެވެ. އެ ހާދިސާގައި ޖަނެރޭޓަރުގައި ރޯވުމުގެ އިތުރަށް ޕެނަލްބޯޑުގައި ވެސް ރޯވެފައިވެއެވެ. ފެން ކުންފުނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ބަޔަކަށް އަދި އެތަނުގެ އެތެރެއަށް ނުވަދެވެއެވެ.