04 Dec 2014, 14:36
އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުނު ކަމުގެ ކުށް ޝަރީއަތަށް ޝާބިތުވެގެން ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަރުހަކު ހަމަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހއ. އިހަވަންދޫ ގިރިޓީގޭ، ފާތުމަތު ފަޒުލާގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވުމާ ގުޅިގެން އޭނާ ހަ މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން 20،700 ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ފަޒުލާ އަށް ވަނީ އެ ހުކުމްގައި އަންގާފަ އެވެ.
ފަޒުލާގެ މައްޗަށް ކުރި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ހުކުމްގައި ވަނީ ޖެނުއަރީ 19، 2011ގައި ފުލުހުން ފަޒުލާ ދިރިއުޅޭގޭ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރޭގައި އޮޮރިޔާން ފޮޓޯ އާއި ވީޑިއޯ ހުރި ދެ މެމޮރީކާޑު އެ ކޮޓަރިތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެތަކެތީގައި ފަޒްލާ ކުޑަ ފިރިހެން ކުދިންތަކަކާ އެކު ޖިންސީ ގުޅުން ހިންގާ ވީޑިއޯ އާއި ފޮޓޯ ހިމެނޭކަމަށާއި އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ފަޒްލާ ފުލުހުން ތައްޔާރުކޮށްފައިވާ އެތަކެތީގެ އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި ހުރި އަލިމާރިއެއްގެ ވަތްގަނޑަކުން އެއް ޑިލްޑޯ އާއި ގިނަ އަދަދެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ހުރި ސީޑީއެއް ފެނިފައިވާތީ އެވެ.
މީގެއިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި އާއިލާގެ މެމްބަރަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެހެންނަމަވެސް އެ ދެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފަ އެވެ.