ދައުލަތުގެ ފެންކުންފުނި ހިންގާ ގޯތީގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއްގައި ރޯވި އަލިފާން ކޮންޓުރޯލްކޮށްފި އެވެ.

އަލިފާން ރޯވެފައި ވަނީ ފެން ޕްލާންޓަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ސްޓޭޝަންއެއްގެ ޖަނަރޭޓަރަކާ ގުޅާފައި ހުރި ޕެނަލް ބޯޑަކާއި އެ ބޯޑުގެ ކޭބަލްތަކުގަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޯވި އަލިފާން ކޮންޓުރޯލް ކޮށް އެލިފާން ރޯވި ސަރަހައްދަށް މިހާރު ވަދެ ލިބިފައިވާ ގެއްލުންތައް ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެއަލިފާނުގެ ހާދިސާގެ ސަބަބުން ސީރިއަސް ގެއްލުންތަކެއް ވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެކަން ހައްލުކުރުމަށް ބޭނުންވާ ސާމާނު އެކުންފުނީގެ ސްޓޮކްގައި ހުންނާނެ ކަމަށެވެ.

އެ ހާދިސާގައި ޖަނެރޭޓަރުގައި ރޯވުމުގެ އިތުރަށް ޕެނަލް ބޯޑުގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.

ގާތްގަނޑަކަށް މިއަދު މެންދުރު 2:00 އެހާކަންހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ބަޔަކަށް އެތަނުގެ އެތެރެއަށް ނުވަދެވި ގިނަ އިރުތަކެއް ވަނީ ވެފަ އެވެ. އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް އެތަނަށް ވަދެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ މެންދުރު ފަހު 3:30 ހާއިރު އެވެ.

އެމްޑަބްލިއުއެސްސީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވުމުން މާލެއިން ފެން ކެނޑިފައިވި ނަމަވެސް ވީހާ ވެސް އަވަހަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްޓެލްކޯއާ ގުޅިގެން ކަރަންޓް ހޯދައި ވީހާވެސް އަވަހަށް ފެން ދޫކުރެވޭތޯ މަސައްކަތް ކުރާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.