ގދ. ތިނަދޫގައި ކުރިން ރަށު އޮފީސް ހިންގި އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުރި ގުރުއާނުގެ ދިވެހި ތަރުޖަމާ ފޮތްތަކެއްގައި ރޯވެއްޖެ އެވެ.

ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަސްއަދު މިއަދު "ސަން" އަށް ވިދާޅުވީ މީގެ ގަޑިއެއްހާއިރު ކުރިން އަލިފާން ރޯވެފައިވަނީ ކުރިން އެރަށު އޮފީސް ހިންގި އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުރި ގުރުއާނުގެ ދިވެހި ތަރުޖަމާގެ 100 އެއްހާ ފޮތުގައި ކަމަށެވެ. އަދި އެ ފޮތްތަކަކީ މައްސަލަތަކެއް ޖެހިގެން ނައްތާލުމަށް ސަރުކާރުން ނިންމާފައިވާ ފޮތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގައި ރޯވި އެއަލިފާންގަނޑު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ އެހީތެރިކަމާ އެކު ނިއްވާލާފައިވާ ކަމަށެވެ.

"މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި އެހާދިސާގައި އެތަނުގެ ތެރޭގައި ހުރި މުސްހަފްގެ ތަރުޖަމާތަކެއްގައި ވަނީ ރޯވެފައި، އެއީ ނައްތާލަން ނިންމާފައި ބަހައްޓާފައި ހުރި ފޮތްތަކެއް، ރޯވާން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގޭ،" އައްސަދު ވިދާޅުވި އެވެ.