"ޓެކްނޮލޮޖީ ފޯދަ ފިއުޗާ އޮފް ނެކްސްޓް ޖެން"ގެ ނަމުގައި 2011 ވަނަ އަހަރު އިންޑިއާ ސަރުކާރުން ރާއްޖޭގައި ފެށި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.

ކިޔަވައިދިނުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ބޭނުންކުރުމުގެ ހުނަރު ޓީޗަރުންގައި އިތުރުކުރުމަށާއި ޒުވާނުންނަށް އައިޓީ އާއި ގުޅޭ މަސައްކަތުގެ ތަމްރީނު ދިނުމުގެ މަގުސަދުގައި ފެށި އެ ޕްރޮގްރާމް ހުރިހާ ހަރަދެއް ކުރީ އިންޑިއާއިންނެވެ.

އެޕްރޮގްރާމް ނިންމައިލިކަން ރަސްމީކޮށް އިއުލާން ކުރީ އެ ކަމަށްޓަކައި ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޝަރަފުވެރިކޮށް ދެއްވި އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ރާޖީވް ޝަހާރޭ ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅުއްވި ރަޖީވު ޝަހާރޭ މިއަދު ވާހަކަ ދައްކަވަނީ --


އިންޑިއާ ސަރުކާރުން 5.3 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ހިންގި އެ ޕްރޮގްރާމް ފެށި އިރު ތަމްރީނު ކުރުމަށް ކަނޑައެޅި އަދަދަށް ވުރެ ގިނަ މީހުން އެޕްރޮގްރާމްގައި ވަނީ ތަމްރީނުކޮށްފައިވެ އެވެ. އެ ޕްރޮގްރާމާ ބެހޭ ގޮތުން މިއަދު ނެރުނު ރިޕޯޓްގައިވާ ގޮތުން އައިޓީ ދާއިރާއިން ތަމްރީނުކުރަން ފުރަތަމަ ގަސްދުކޮށްފައި އޮތީ 2880 ޓީޗަރުން ކަމަށް ވިޔަސް ނިމުނު އިރު 3053 ޓީޗަރުން ތަމްރީނުކުރެވިފައިވާ ކަމަށެވެ. އަދި އެޕްރޮގްރާމްގެ ދަށުން އައިޓީ ދާއިރާއިން ތަމްރީނު ކުރަން ގަސްދުކޮށްފައި އޮތީ ޓީޗަރުން ނޫން އެހެން ޒުވާނުންގެ ތެރެއިން 1600 މީހުން ކަމަށް ވިޔަސް ނިމުނު އިރު 1674 މީހުން ތަމްރީނު ކުރެވުނު ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ތަމްރީނުކުރަން ގަސްދުކޮށްފައި އޮތީ 800 ޒުވާނުން ކަމަށް ވިޔަސް ނިމުނު އިރު 8003 ޒުވާނުން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމު މިއަދު ވާހަކަ ދައްކަވަނީ --

ތަމްރީނު ދޭ މީހުން ރަށްރަށް ދަތުރުކޮށްގެން ހިންގި އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންއައިއައިޓީ ލިމިޓެޑާއި އިލެކްޓްރިކަލް އިންޖިނިއަރިން އިކްއިޕްމެންޓް ކޮމްޕެނީ (ޓްރިޕްލް އީސީ) އިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވަނީ އެފަދަ ކާމިޔާބު ޕްރޮގްރާމެއް ހިންގައި ދިނީތީ އިންޑިއާއަށް ޝުކުރު އަދާކޮށްފަ އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ހައި ކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވީ މިއީ ނިމުމެއް ނޫން ކަމަށާއި މީހުން ބިނާ ކުރުމުގައި އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް އެހީތެރިވާނެ ކަމަށެވެ.