31 Jan 2011, 18:31
ބާލިން: އެއިޑްސް ބައްޔާއި ކެއްސުންބައްޔާ އަދި މެލޭރިޔާއާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ފަންޑަށް ޖަރުމަނުން ދެމުންގެންދިޔަ އެހީތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މިފަންޑަށް އެންމެ ބޮޑަށް އެހީދޭ ޤައުމުތަކުގެ ލިސްޓުގެ ތިންވަނާގައިވާ ޖަރުމަނުގެ ސަރުކާރުން ބުނިގޮތުގައި މިފިޔަވަޅުއަޅަންޖެހުނީ ފަންޑުގައި ހިނގަމުންދާ ފަސާދަ ނުވަތަ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުންނެވެ. ޖަރުމަނުން މިތުހުމަތުކުރީ މިފަންޑުން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ ވަގަށްނެގިކަމުގެ މައްސަލައެއް ބޭޒާރުވުމާގުޅިގެންނެވެ.
އެއިޑްސް ބައްޔާއި ކެއްސުންބައްޔާ އަދި މެލޭރިޔާއާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ފަންޑްގެ މަސްއޫލުވެރިއަކުވެސްވަނީ އެފަންޑްގައި ފަސާދައިގެ ޢަމަލު ތަކެއް ހިނގިކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް މިކަންކުރިޔަށްދިޔައީ ވަރަށް ހަނިދާއިރާއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސާދައިިގެ މައްސަލަ ބޭޒާރުވުމާއެކު މިކަން ސީރިޔަސްގޮތެއްގައި ބަލަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއިޑްސް ބައްޔާއި ކެއްސުންބައްޔާ އަދި މެލޭރިޔާއާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ފަންޑަކީ އެވްރެޖްކޮށް އަހަރަކު 12 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް އޮންނަ ވަރަށް ބޮޑު ފަންޑެކެވެ. މިފަންޑުން، މިބަލިތައް ތަޙައްމަލްކުރާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. މިފަންޑްގައި ފަސާދައިގެ ޢަމަލުތަކެއް ހިނގިކަން ބޭޒާރުކޮށްލާފައިވަނީ އެމެރިކާގެ ނޫސްއެޖެންސީއެއް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް އިންނެވެ.
ޖަރުމަނުގެ ޑިވެލޮޕްމަންޓާބެހޭ ވަޒީރު ޑީރީކް ނީބީލް ވިދާޅުވިިގޮތުގައި މިފަންޑަށް ޖަރުމަނުންދޭ އެހީތައް މެދު ކަޑާލިނަމަވެސް ފަސާދައިގެ ނުބައި ކަމުން ފަންޑް ސަލާމަތްވިކަން ސާބިތުވާއިރަށް ޖަރުމަނުން އެހީދިނުމުގެ ކަންތައް އަލުން ފަށާނެއެވެ. އެއިޑްސް ބައްޔާއި ކެއްސުންބައްޔާ އަދި މެލޭރިޔާއާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ފަންޑްގެ މަސްއޫލުވެރިއެއް ކަމަށްވާ ޖޯން ލިޑެން ވިދާޅުވިގޮތުގައި ޖަރުމަނުން މިފިޔަވަޅުއެޅީ ދޮގު މަޢްލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭނާ ވިދާޅުވީ ފަސާދައިގެ މައްސަލާގައި ޖަރުމަނު ބޭނުންވާ ހުރިހާ މަޢްލޫމާތެއް ސާފުކޮށްދޭނެ ކަމަށާއި ޖަރުމަނު ކުރަންބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބުވެސް ދޭނެކަމުގައެވެ. -- ބީބީސީ