ވޯލްޑް ޓްރަވެލް އެވޯޑްސް ގައި އިންޑިއާ ކަނޑުގެ ލީޑިން ފެމިލީ ރިސޯޓު އަދި ރާއްޖޭގެ ލީޑިން ސްޕާ ރިސޯޓުގެ މަގާމު ދަ ސަން ސިޔާމް އިރުފުށްޓަށް ލިބިއްޖެ އެވެ.

ވޯލްޑް ޓްރަވެލް އެވޯޑަކީ ޓޫރިޒަމްގެ ދާއިރާއިން ދުނިޔޭގައި މިހާރު ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ސަން ސިޔާމް އިރުފުށި ހުޅުވި ފަހުން މިދިޔަ މަދު މަސްތަކުގެ ތެރޭގައި އެ ރިސޯޓުން ޓޫރިސްޓުންނަށް ދީފައިވާ އާދަޔާ ޚިލާފު ފެންވަރު ރަނގަޅު ލަގްޒަރީ ފެންވަރުގެ ޚިދުމަތަށް، މި އެވޯޑަށް ވޯޓު ދިނުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

ވޯލްޑް ޓްރަވެލް އެވޯޑަށް އެކި ފަރާތްތައް ނޮމިނޭޓް ކުރަނީ އެކަމަށް ކަނޑައަޅާފައި އޮންނަ ފަންނީ ކޮމެޓީއަކުންނެވެ. އެ ގޮތުން މި އެވޯޑަށް ނަންނަތައް ނޮމިނޭޓް ކުރާ އިރު ބަލާ މައިގަނޑު ކަންކަމުގެ ތެރޭގައި، ޓޫރިސްޓުން އެ ރިސޯޓެއްގެ ޚިދުމަތާ މެދު ހިތްހަމަ ޖެހޭ މިންވަރާއި، ޚިދުމަތުގެ ފެންވަރާއި، އިންޑަސްޓްރީ އަށް އާ އުފެއްދުންތައް ތައާރަފުކުރުމަށް ކޮށްފައިވާ މަސައްކަތާއި، އިޖުތިމާއީ ޒިންމާ އަދާކޮށްފައިވާ މިންވަރާއި މުޖުތަމައުގެ ފައިދާ އަށް މަސައްކަތް ކޮށްފައިވާ މިންވަރު ފަދަ ބައިތައް ހިމެނެ އެވެ.

މި ފަހަރުގެ ޓްރަވެލް އެވޯޑުގައި، ދާއިރާގެ ޕްރޮފެޝަނަލް މީހުންނާއި ޚިދުމަތް ހޯދާމީހުން ހިމެނޭ ގޮތުން 5000 އަށްވުރެ ގިނަ ފަރާތުން ވޯޓުގައި ބައިވެރިވެފައިވެ އެވެ.

މި ދެ އެވޯޑް ލިބުމާ ގުޅިގެން ސަން ސިޔާމް ރިސޯޓްސް ގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ މި ދެ އެވޯޑަކީ އެ ގުރޫޕަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"އިރުފުށި އަޅުގަނޑުމެން އޮޕަރޭޓް ކުރަން ފެށިތާ އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި ވެސް މިފަދަ ފަޚުރުވެރި ޝަރަފެއް ލިބުމަކީ ލިބޭ ވަރަށް ބޮޑަށް އުފަލެއް. އެކަމަށް ޓަކައި މާތްﷲ އަށް ހަމްދު ކުރަން. މީ ރާއްޖޭގައި މަތީ ފެންވަރުގެ ޓޫރިޒަމް ޚިދުމަތް ތައާރަފުކޮށް، އެފެންވަރު ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން ހިތްވަރާ އެކު ކުރި މަސައްކަތުގެ ނަތީޖާ. މި މަސައްކަތުގައި އަޅުގަނޑާ އެކު ބައިވެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރަން. ވަކީން ޚާއްސަކޮށް އަޅުގަނޑުގެ ލޮބުވެތި މުވައްޒަފުންނަށް ފަށްފަށުން ޝުކުރު އަދާކުރަން." ސިޔާމް ވިދާޅުވި އެވެ.

221 ކޮޓަރީގެ މައްޗަށް އެކުލެވޭ ސަން ސިޔާމް އިރުފުށި އޮންނަނީ ނ. އަތޮޅުގަ އެވެ.