ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގެ ޝޮޕިންގް މޯލެއްގެ ތެރޭގައި ހުރި އާންމު ފާޚަނާއެއްގެ ތެރޭގައި އެމެރިކާގެ އަންހެން ޓީޗަރަކަށް ވަޅިއަކުން ހަމަލާދީ މަރާލައިފި އެވެ.

އަބޫދާބީގެ ފުލުހުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން އިއްޔެ ބުނި ގޮތުގައި ހޯމަ ދުވަހު މަރާލާފައި ވަނީ އުމުރުން 37 އަހަރުގެ، އެންމާބާނޑު ދެކުދިންގެ މަންމައެކެވެ. އެ ދެ ކުދިންގެ އުމުރަކީ 11 އަހަރެވެ.

ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ އެ ހާދިސާ ހިނގީ އަންހެނުންގެ ފާހާނާ ބްލޮކްގައި ހިނގި ޒުވާބަކަށް ފަހު ކަމަށެވެ. އަދި ތޫނު އެއްޗަކުން އަންހެން މީހާ އަށް ހަމަލާ ދިނުމުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ މަރުވި ކަމަށެވެެ. ފުލުހުން މަސައްކަތް ކުރަނީ އެމެރިކާ މީހާ މަރާލީ އަންހެނެއްތޯ ނޫނީ ފިރިހެނެއްތޯ ބެލުމަށެވެ.

އެމީހާ މަރާލީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

އަބޫދާބީގައި ހުންނަ އެމެރިކާ އެމްބަސީ އިން ބުނީ ދުބާއީގެ ރަސްމީ ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ނަސޭހަތްތެރި ވަނީ އެ ގައުމުގައި އުޅޭ އެމެރިކާ މީހުން ހިތްތިރިކޮށް އުޅުމަށާއި އާންމުން އެއްވާތަންތަނަށް ނުދިޔުމަށް ކަމަށެވެ.

އެމެރިކާ މީހަކު އަބޫދާބީގައި މަރާލުން ވެފައި ވަނީ 80 ޕަސެންޓް ބިދޭސީން އުޅޭ އެ ގައުމަށް ބޮޑު މައްްސަލަ އަކަށެވެ. އަދި ބިދޭސީންނާއި ދޭސީންގެ މެދުގައި މައްސަލަތައް ޖެހެ އެވެ.

އެ އަންހެން މީހާ މަރާލައިފައި ވަނީ ކޮން ޖިންސެއްގެ މީހެއް ކަމެއް ފުލުހުންނަށް އަދި ކަށަވަރުވެފައި ނުވާއިރު އެ ގާތިލުގެ ސީސީޓީވީ ފޫޓޭޖް މިހާރު މިވަނީ އާންމުކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކަޅުކުލައިގެ ހެދުމަކުން ނިވާވެގެން ހުރި މި މީހާ ޕާކިން އޭރިއާ އިން ވަދެގެން އައިސް ސެކިއުރިޓީ މީހާ ކައިރިީގައި ސުވާލުތަކެއް ކުރެ އެވެ. އެއަށް ފަހު ގޮސް ލިފްޓަށް އަރަ އެވެ. ދެން ފެނިގެންދަނީ އެހެން ފަންގިފިލާ އަކަށް އަރައި އަނެއްކާ ވެސް ސެކިއުރިޓީ މީހަކާއި ވާހަކަދައްކާ މަންޒަރެވެ. ދެން އެމީހާގެ ގޮސް ވަންނަނީ ފާޚާނާގެ ތެރެއަށެވެ. އޭގެ ދޮޅު ގަޑިއިރެއްހާ ފަހުން ޝޮޕިންގެ މޯލްގައި ތިބި މީހުންތައް ދުއްވައިގަންނަ މަންޒަރާ އެކު އެ މީހާ ދުވެ ގޮސް ލިފްޓް ތެރެއަށް އަރާ މަންޒަރު ފެނެ އެވެ. އަދި އެއަށް ފަހު ސެކިއުރިޓީންނަށް ނުހިފެހެއްޓެނީސް އަނެއްކާ ވެސް އެމީހާ ވަދެގެން އައި ޕާކިންޒޯންގެ ތެރެއިން ނިކުމެގެންދާ މަންޒަރު ފެނެ އެވެ. އަދި ފާޚަނާގެ އެތެރޭގެ ފޮޓޯތަކުން ގިނަ އަދަދަކަށް ލޭފައިބާފާއި ހުރި މަންޒަރާއި އަދި ބޮޑު ވަޅިއެއް ވެސް ފެނެ އެވެ.

މަރުވެފައިވާ އަންހެން މީހާގެ ދެ ކުދިންގެ ބައްޕަ އެ ގައުމަށް އަންނަންދެން އެ ކުދިން ބަލަހައްޓަމުން ގެންދަނީ ފުލުހުންނެވެ.