ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ރާއްޖެ އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯން ޕޯލްގެ ޝޯ އާ އަހަރު ފުރޭ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޝޯވް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ބަޑިބޭހާއި އަލިފާނުގެ ބައެއް ކުޅިވަރުތަކާއެކު އެވެ. މި މަހު 31 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ އެ ޝޯވްއަށް ވަނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު އެ ރޭ 7:30 އިން ފެށިގެން ދަނޑުގެ ގޭޓްތައް ހުޅުވާނެ އެވެ.

ސޯން ޕޯލް ރާއްޖެ ގެންނަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށާއި ވަކިން ހާއްސަކޮށް ޒުވާނުންގެ މުނިފޫހިފިލުވުމުގެ ގޮތުން ކަމަށް މިނިސްޓަރު އަދީބު ވަނީ ވިދާޅުވެފައިވެ އެވެ.

އާރުއެންބީ އަދި ހިޕްހޮޕް ލަވަތަކާއި ނެށުމަށް މައްޝޫރު ސޯން ޕޯލަކީ ޒުވާނުންގެ މެދުގައި ވަަަރަށް ބޮޑު މަގުބޫލް ކަމެއް ހޯދަމުން އަންނަ ލަވަކިޔުންތެރިއެކެވެ. ގްރެމީ އެވޯޑްގެ އިތުރުން ގިނަ އެވޯޑްތަކެއް ސޯން އަށް މިހާތަނަށް ވަނީ ހާސިލްކޮށްފަ އެވެ.