04 Dec 2014, 12:10
މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ލައިވް އާޓް އިވެންޓެއް ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް ސަލްޓަންޕާކުގައި ކުރިއަށްގެންދާ އެ އިވެންޓް ހުޅުވައި ދެއްވީ ޔޫތު މިނިސްޓަރު މަލީހު ޖަމާލެވެ.
ޔޫތު މިނިސްޓްރީއާއި ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރިއަށްގެންދާ އެ އިވެންޓްގައި ކުރެހުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. މިއަދު ހެނދުނު ފެށި އިވެންޓް ހަވީރު 5:00 ޖަހަންދެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ލައިވް އާޓް އިވެންޓް ހުޅުވާލުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ލައިވް އާޓް އިވެންޓެއް ކުރިއަށްގެންދާ އިރު ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ޔޫތު މިނިސްޓަރު ވިދާޅުވެފައި ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިންތަކަކީ އަހަރެއް ވަންދެން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށާއި އެގޮތުން އަތޮޅުތެރޭ ވެސް ކަންތައްތަކެއް ކުރިއަށްގެންދާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ލައިވް އާޓް އިވެންޓްގައި ކުރެހުމަށް ހުޅުވާލާފައި ވަނީ ޒުވާނުންނަށް ރާއްޖެ ފެންނަ ގޮތާއި ނުވަތަ އެ ޒުވާނަކު ބޭނުންވާ ތީމަކަށް ކުރެހުމެވެ.

ލައިވް އާޓް އިވެންޓް ހުޅުވާލުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ އިވެންޓްގައި ސަލްޓަންޕާކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ވަނީ ކުރެހުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ޔޫތު މިނިސްޓަރު ވިދާޅުވީ ވިޝުއަލް އާޓާ ޕާފޯމިން އާޓް ކުރިއެރުވުމަށް ޓަކައި މިސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ގަބޫލު ކުރާ ގޮތުގައި ރާއްޖެ މިހާ ރީތިކޮށް ތަރައްގީވެގެން މިދަނީ އާޓިސްޓުންގެ ފަންނުވެރި ކަމުގެ ތެރެއިން. އެކުދިން އެކުރަހާ ކުރެހުމަކީ ހަމައެކަނި ކުރެހުމެއްނޫން އެއީ ގައުމުތަކުގެ އާކިޓެކްޗާ އާއި ގައުމުތަކުގެ ޕްރޮފައިލް ގައުމުތައް ރީތި ގޮތުގައި ޑިޒައިން ވެގެން މިދަނީ އެމީހުންގެ އެކްސްޕްރެޝަނާއި އެމީހުންގެ އެ ކުރެހުންތަކާ އެކު،" މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވި އެވެ.

ލައިވް އާޓް އިވެންޓް ހުޅުވާލުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވެސް ކުރެހުމުގެ ފަންނު ވަރަށް ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކުރެހުމުގެ ފަންނު އިތުރުކުރަން ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު ވިދާޅުވީ ކުރެހުންތެރިންގެ ކުރެހުމަށް އިތުރު މާކެޓް ހޯދުމަކީ ވެސް ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.