ކޮންޓެއިންނާ ކޮންޓްރޯލް ޕްރޮގުރާމްއާބެހޭ އެއްބަސްވުމެއްގައި ކަސްޓަމްސްއާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ޒުހޫރު އެވެ. ފުލުހުންގެ ފަރާތުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ސޮއިކުރެއްވި އިރު އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ކޯސްޓު ގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ޒުހޫރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކޮންޓެއިނަރު މެދުވެރިކޮށް އެތެރެކުރެވޭ ޑުރަގާއި ޓެރަރިޒަމްއަށް މަގުފަހިވާފަަދަ ހަތިޔާރުތައް އަތުލައިގަތުމަށް އެއްބަސްވުމުގެ ސަބަބުން ފަސޭހަވާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ޒުހޫރު މީޑިއާއާ ވާހަކަފުޅުދައްކަވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"މި އެގްރީމަންޓުގެ ސަބަބުން އެހެނިހެން ގައުމުތަކާއި ގުޅުން ބަދަހިވެ އެގައުމުތަކުން ލިބޭ އިންފޮމޭޝަންތައް އަޅުގަނޑުމެންނާއި ހިއްސާކުރަމުންދާނެ. އެ އިންފޮމޭޝަންގެ ސަބަބުން އެ ކޮންޓެއިނަރު ނުވަތަ އެ މުދަލެއް ރާއްޖެ އައުމުގެ ކުރީގައި އަޅުގަނޑުމެން ތިން ފަރާތް ގުޅިގެން ނަގަންޖެހޭ މުހިއްމު އެކްޝަންތައް ނެގިގެންދާނެ،" ޒުހޫރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ބޭނުންކުރާ ހަތިޔާރު އުފައްދާ އާލާތްތައް ރާއްޖެއަށް އެތެރެކުރާއިރު، ކޮންޓެއިނަރުގައި ޓުުރެކިން ސިސްޓަމެއް ބެހެއްޓިފައި ހުރުމުން އެތަކެތި އަތުލައިގަތުމަށް ކުރާ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއެކުރެއްވި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މީޑިއާއާ ވާހަކަފުޅުދައްކަވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އަޅުގަނޑުމެންނަށް މިހާ ހިސާބަށް މިދިޔައިރު މި އެއްބަސްވުމުގެ ސަބަބުން ވެދާނެ ފަސޭހަތަކުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކު ދެމެދުގައި މައުލޫމާތު ހިއްސާކުރެވޭނެ. ކޮންމެހެން ހިއްސާކުރުމަށް ޖެހޭ މައުލޫމާތެއް ވެރިފައިކުރުމަށްޓަކައި ބޭރުގެ އެކިއެކި ފަރާތްތަކާއި ގުޅިގެންވެސް މައުލޫމާތުތައް ހިއްސާކޮށް މައުލޫމާތު ވެރިފައިކުރުމަށް ފަސޭހަވެގެންދާނެ،" ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.

ކޯސްޓް ގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ ހުރި ވަސީލަތްތައް އެއްކޮށްގެން އެންމެ ދުރު ވަސީލަތަކަށް، އެންމެ ފުޅާކޮށް ކަންތައްތައް ކުރުމުގެ އުސޫލެއް ގާއިމްކުރަންޖެހޭ ކަމަށެވެ.
އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވި ކޯސްޓު ގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް މީޑިއާއާ ވާހަކަފުޅުދައްކަވަނީ---ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"އެގޮތުން މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރުގައި މަސައްކަތްކުރާއިރުވެސް މިފަދަ ކުއްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމް ބޭފުޅުން އެކުވެގެން މަސައްކަތް ކުރެވޭ ވެއްޓެއް މިއަދު މި ގާއިމްކުރެވުނީ،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ސީނިއަރ ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އަހުމަދު ނިޔާޒް "ސަން" އަށް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ތިން މުއައްސަސާއަށްވެސް ބޭނުންވާ ތަމްރީންއާއި ބޭނުންވާ އެހެނިހެން އާލާތްތައް ޔުނައިޓެޑް ނޭޝަން އޮފީސް އޮން ޑުރަގު އެންޑް ކުރައިމް (ޔޫއެންއޯޑީސީ) ން ފޯރުކޮށްދޭނެ ކަމަށެވެ.