04 Dec 2014, 12:00
އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހަވީރުންސުރެ ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު މިއަދު 'ސަން' އަށް ވިދާޅުވީ އަލިފާންގަނޑު ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ދުމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އެއްކޮށް އަލިފާންގަނޑު ކޮންޓްރޯލްވެއްޖެޔޭ ނުބުނެވޭނެ. އެއީ އަޅުގަނޑުމެން މިހާރު އެވަނީ އެ އަލިފާންގަނޑު އިތުރަށް ނުފެތުރޭވަރު ކޮށްފައި. އެހެންވީމަ މިހާރު ކުރިއަށްވުރެއް މާބޮޑަށްވެސް ކޮންޓްރޯލް ކުރެވިއްޖެ އިނގޭތޯ. އެކަމަކު ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި އިނގޭތޯ." ތައްޔިބު ވިދާޅުވި އެވެ.
ތައްޔިބު ވިދާޅުވީ ދުމުގެ އަސަރު މީގެ ހަފްތާއެއް ވަންދެން ވެސް ހުރެދާނެ ކަމަށެވެ. އަދި މިގޮތަށް ރޯވާ ބައެއްފަހަރު ދުމުގެ އަސަރު ނުކެނޑި އެއްމަސް ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމު ރައްޔިތަކަށް މި ހާދިސާގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދުއްވާ އެއްޗެއްހި ދުއްވާ ބޭފުޅުންނަށް ދުއްވުމުގައި އަލިފާންގަނޑުން އަރާ ދުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތައްޔިބު ވިދާޅުވީ އިއްޔެ ހަވީރު 4:30 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅަންފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ ކުނިކޮށީގައި ރޯވި އަލިފާންގަނޑުގެ 98 ޕަސެންޓު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.