ބ. އަތޮޅު އޭދަފުށި ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 'އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014' ގައި ސެމީފައިނަލްގެ އެންމެ ފަހު ޖާގަ ގޮއިދޫ ޓީމް ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ގޮއިދޫ ޓީމުން ހޯދީ އިއްޔެ ކުޅުނު ގްރޫޕް 'ބީ' ގެ ފަހު މެޗުގައި ކިހާދޫގެ މައްޗަށް 4-0 ގެ ނަތީޖައަކުން ކުރި ހޯދައިގެނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފްގެ ފަހު 15 މިނެޓު ތެރޭގައެވެ. މި ލަނޑު ގޮއިދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އެ ޓީމަށް ހެޓްރިކެއް ހަދައިދިން އާދަމް ނިޒާމް އެވެ. އޭގެ ފަސް މިނެޓު ފަހުން ގޮއިދޫ ޓީމްގެ ހުސަން ޝިފާހު ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ގޮއިދޫ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ކުޑަ އިރުކޮޅެއް ތެރޭ ގޮއިދޫ ޓީމްގެ ހަސަން ސުޖާއުއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ބޭރުކޮށްލާފައެވެ. މެޗުގެ ދެވަނަ ހާފްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅުނު ގޮއިދޫ ޓީމް ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގައި އިތުރު ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗުގައި ގޮއިދޫ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދިން އެ ޓީމްގެ އާދަމް ނިޒާމް އެވެ.

މި މެޗުގެ ނަތީޖާއާ އެކު ގޮއިދޫ ޓީމް ވަނީ މުޅިއަކު ހަތަރު ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް 'ބީ' ގެ ތާވަލްގެ އެއްވަނަ މަގާމް ހާސިލް ކޮށްފައެވެ. އެ ޓީމް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އެއްވަރުކޮށް ދެވަނަ މެޗު ކާމިޔާބު ކޮށްފައި ވާއިރު، ކިހާދޫ ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގައި މުޅިއަކު ތިން ޕޮއިންޓް ހޯދާފައެވެ. މުބާރާތުގައި ކުޅުނު ދެ މެޗުގެތެރެއިން އެއް މެޗުން އެއްވަރުވެ، ދެވަނަ މެޗުން ބަލިވި ކުޑަރިކިލަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ ގްރޫޕް 'އޭ' ގެ އެންމެ ފަހު ދެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު އެވެ. މިއަދު މެންދުރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އޭދަފުއްޓާއި ފެހެންދޫ އެވެ. އަދި މިއަދު ހަވީރު ކުޅޭ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ބައްދަލު ކުރާނީ ދަރަވަންދޫ އާއި ދޮންފަނު އެވެ. މުބާރާތުގެ ގްރޫޕް 'އޭ' ގެ ތާވަލްގެ އެއްވަނަ މަގާމް މުޅިއަކު ހަ ޕޮއިންޓާއެކު އޭދަފުށި ހާސިލްކޮށްފައި ވާއިރު، ތާވަލްގެ ދެވަނައިގައި އޮތީ ފެހެންދޫ އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރު ހަތް ރަށެއް ބައިވެރިވެފައި ވެއެވެ. އަދި މި މުބާރާތް މިދިޔަ ދެ އަހަރުވެސް ބާއްވާފައި ވާއިރު، މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އޭދަފުއްޓެވެ.