އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުން ދެ މެޗު ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ސްޕޯޓްސް ކްލަބް ސިޓީ (އެސްސީސީ) ކާމިޔާބުކޮށް، އެ ދެ ޓީމުން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބެވެ. މި މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު އެވެ.

މި ލީގުގައި އިއްޔެ ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ ކަލައިޗެލްވަމް އެވެ.

މި ލީގުގައި މިއަދުވެސް ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ އެވެ. އަދި މި ލީގުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މި މެޗުތަށް ކުޅެން ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ގައެވެ.

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯލް ލީގުގައި މިހާރު ކުރިއަށްދާ މެޗުތަކަކީ ފުރަތަމަ ޑިވިޝަންގެ ފިރެހެން ޓީމްތަކުގެ މެދުގައި ކުޅެވޭ ދެވަނަ ބުރުގެ މެޗުތަކެވެ. މި ލީގުގެ ފުރަތަމަ ބުރުގައި މުޅިއަކު ހަ ޓީމެއް ބައިވެރިވި އިރު، އޭގެ ތެރޭން ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ހަތަރު ޓީމެވެ. އެގޮތުން މިހާރު މި ލީގުގައި ވާދަ ކުރާ ޓީމްތަކަކީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި ސްޕޯޓްސް ކްލަބް ސިޓީ (އެސްސީސީ)، ސްޕޯޓްސް ކްލަބް ގުޑީސް (އެސްސީޖީ) އަދި ޕޮލިސް ކްލަބް (ޕީއެލްސީ) އެވެ.