31 Jan 2011, 18:23
މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެމްއެންބީސީން ބޭއްވި "ވޮއިސް މޯލްޑިވްސް"ގެ އެއްވަނަ ޅ. އަތޮޅުން ބައިވެރިވި މުހައްމަދު ޚާލިދު 20، ހޯދައިފި އެވެ.
ޤަރުނުގެ ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮ (ދޮހޮއްކޮބެ) އަށް ބޮޑުބޭބެ ކިޔާ ޚާލިދު އެއްވަނަ އަށް ދިޔައީ އެސްއެމްއެސް ކޮށްގެން 600 އަށް ވުރެ ގިނަ ކުދިން ބައިވެރިވާން ހުށަހެޅުމުން ހޮވި 15 ކުދިންނާ ވާދަކޮށްގެން ނެވެ.
ފަނޑިޔާރުންނާއި ސަޕޯޓަރުންގެ ވޯޓާއެކު ކުރިއަށްގެންދިޔަ އެ ޝޯގައި ޚާލިދަށް އެއްވަނަ ލިބުނު އިރު އޭނާ އާ އެންމެ ގާތުން ވާދަ ކުރީ އައްޑު އަތޮޅު ތަމްސީލު ކުރި އިބްރާހިމް ސައީދު (އިއްބެ) އާ ވާދަ ކޮށެވެ. ރޭގައި ޝޯގައި އެއްވަނަ ހޮވާފައި ވަނީ ހަމަ އެކަނި ޖަޖުންގެ މާކްސް އިން ނެވެ.
އެއްވަނަ އަށް ދިޔަ ޚާލިދަށް ވަނީ އެއްލައްކަ ރުފިޔާގެ އިތުރުން އަގުބޮޑެތި އެތަށް އިނާމް ތަކެއް ލިބިފަ އެވެ.
ތަފާތު މުނިފޫހި ފިލުވުމުގެ އައިޓަމްތަކާ އެކު އެމްއެންބީސީގައި ރޭ ކުރިއަށް ދިޔަ އެ ޝޯ ގައި އެއްވަނަ ހޯދި ހާލިދާއި ދެވަނަ އަށް ދިޔަ އިއްބެއަށް ވަނީ އަށް ދުވަހުގެ ޗައިނާ ދަތުރެއް ވެސް ލިބިފައެވެ.
ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައި ކޮންމެ ސަރަހައްދަކުން ފަސް ބައިވެރިންނާއެކު ދެ މަސް ދުވަހަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ކޯޗް ކޮށްދީފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުން ތެރިން ނެވެ. ފަސް ލަވަކިޔުން ތެރިންގެ ކޯޗް ކަމުގެ ދަށުން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ޚާލިދަށް ކޯޗު ކޮށްދިނީ ހުސައިން އަލީ އެވެ. އިއްބެގެ ކޯޗަކީ ލަވަކިޔުންތެރިޔާ ޒޫނާ އެވެ.
ވޮއިސް އޮފް މޯލްޑިވްސްގެ ޖަޖުންނަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އޮގަރު އިބްރާހިމް ވަހީދާއި، ޝިފާ ތަޢުފީގްގެ އިތުރުން ރުކުމާ އަލީ އަބުދުލް ކަރީމެވެ.
ރޭގެ ޝޯގައި އެމްއެންބީސީން ވަނީ "ވޮއިސް އޮފް މޯލްޑިވްސް" ގެ އިތުރުން "މޯލްޑިވްސް ގިޓާ އައިޑޮލް" ގެ ނަމުގައި މުބާރާތެއް އިއުލާން ކޮށްފަ އެވެ. އަދި ރޭގެ ޝޯ ގައި "ވޮއިސް އޮފް މޯލްޑިވްސް" ގެ ދެވަނަ ސީޒަން ވަނީ އިޢުލާން ކޮށްފަ އެވެ. އެ ޝޯ ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 28ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް އެ ޝޯ ފަށާނެ ވަކި ތާރީޚެއް ނުބުނެ އެވެ.