ލ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ 'ލ. އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތް 2014' ގެ ފައިނަލް މެޗު ކާމިޔާބުކޮށް، ރިއަލް އައިލެންޑް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެއި އިއްޔެ ކުޅުން ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ މާސް އާއި ރިއަލް އައިލެންޑް އެވެ. މި މެޗުގައި މާސް 24 ލަނޑާއި 7 ފޯލި ހެދި އިރު، ރިއަލް އައިލެންޑް ވަނީ 28 ލަނޑާއި 8 ފޯލި ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރިއަލް އައިލެންޑްގެ އައިމިނަތު އަލީ އެވެ.

މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ފްރެންޑްސް ފޯ އެންވަޔަރަމަންޓް އެންޑް ހެލްތް އިނީޝިއޭޓިވް (ފެހި) އެވެ. އަދި މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރިއަލް އައިލެންޑްގެ ހައްވާ ލިއުޝާ އެވެ. މުބާރާތުގައި ކުޅުން ހުރިހާ މެޗަކަށް ބަލާ، މުޅި މުބާރާތުގެ ބަށި ރާނީއަކަށްވެސް ހޮވިފައި ވަނީ ރިއަލް އައިލެންޑްގެ ހައްވާ ލިއުޝާ އެވެ.

ލ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެ އަތޮޅުގެ ހަ ރަށަކުން މުޅިއަކު 13 ޓީމެއް ބައިވެރިވެފައި ވެއެވެ. އެގޮތުން ލ. އަތޮޅު ގަމުގެ ފަސް ޓީމަކާއި ފޮނަދޫ ހަތަރު ޓީމެއްގެ އިތުރުން، މާވަށާއި މުންޑޫ އާއި މާބައިދޫ އަދި ދަނބިދޫ، މިއިން ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެފައި ވެއެވެ.

ލ. ފޮނަދޫ ބަރާސިލް އަވަށުގެ ބަށިބޯޅަ ކޯޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންޕަޔަރުކަން ކޮށްފައި ވަނީ ރާއްޖޭގެ ބަށިބޯޅަ ފައުންޑޭޝަންގެ ދެ އަންޕަޔަރެކެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެ ފައުންޑޭޝަންގެ ބަށިބޯޅަ ގަވައިދުތަކާ އެއްގޮތަށެވެ.