ތިމާވެށި ރައްކާތެރި ކުރުމާއި ކަރަންޓުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެ ލައްކަ އަށްވުރެ ގިނަ ލައިޓް އެމިޓިން ޑަޔޯޑް (އެލްއީޑީ) ހޮޅިބުރި ބަހާފައިވާކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެންވާރަމެންޓް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އިސްޓްސް ކޫލް އެޓް 25" ކެމްޕޭންގައި އެމްޓީސީސީ ރަސްމީކޮށް ބައިވެރިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް 270،000 ހަކަށް ލައިޓް ސަރުކާރުން ބަހާފައިވާއިރު އެތަކެތީގެ ބޭނުން ރަނގަޅަށް ކުރަމުން އަންނަ ކަމަށާއި އިތުރަށް ދެލައްކައެއްހާ ހޮޅިބުރި ސަރުކާރުން ބަހަން ގަސްދު ކުރާ ކަމަށެވެ.

"ސަރުކާރުން މިހާރުވެސް މިވަނީ ގާތްގަނޑަކަށް 270،000 އެލްއީޑީ ހޮޅިބުރި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާފަ. އެ ވަރަށް ފުރިހަމަކޮށް ރަށްރަށުގައި ބޭނުން ކުރަމުން ދާކަމަށް އަޅުގަނޑު ގަބޫލު ކުރަން. މިއީ ހަމަ ސަރުކާރުން އިސްނަންގަވައިގެން ކުރި ކަމެއް. ކުރިއަށް އަންނަ ތާގައި ވެސް އަޅުގަނޑުމެން އެކި ރަށްރަށަށް ދެލައްކައެއްހާ ހޮޅިބުރި ބަހާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އާދައިގެ ހޮޅިބުރިތަކާ ޚިލާފަށް އެލްއީޑީ ހޮޅިބުރި ބޭނުން ކުރަން ނަގާނީ ކުޑަ ބާރެކެވެ. އެހެން ހޮޅިބުރިތަކަށްވުރެ އުމުރު ދިގު އެލްއީޑީ ހޮޅިބުރިން ކަރަންޓުގެ ހަރަދު ކުޑަކޮށްދޭއިރު ތިމާވެއްޓަށް ނުރައްކާ ގްރީން ހައުސް ގޭސް ބޭރު ކުރާ ވަރުވެސް އޭގެން މަދު ކޮށްދޭނެއެވެ. އެލްއީޑީ ހޮޅިބުރިތަކުގައި އެހެން ހޮޅިބުރީގައި ހުންނަފަދަ ވިހަ "މާކިއުރީ" ގޭހެއް ނުހިމެނޭނެއެވެ.

އިޓްސް ކޫލް އެޓް 25 ގައި އެމްޓީސީސީ އިން ބައިވެރުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެމްޓީސީސީ އިން މިއަދު ބައިވެރިވި އެ ކެމްޕޭނާއެކީ އެ ކުންފުނިން ބޭނުންކުރާ އެއާ ކޮންޑިޝަންގެ ފިނިމިން 25 ޑިގްރީގައި ބަހައްޓާނެއެވެ. އޭސީގެ ފިނިމިން 25 ޑިގްރީގައި ބެހެއްޓުމުން ތިމާވެއްޓަށް ގެއްލުންދޭ ވިހަގަދަ ގޭސްތައް ބޭރުވާ މިންވަރު ކުޑަވެ އަހަރެއްގެ މައްޗަށް 6،000 އާއި 8،000 ދެމެދު ރުފިޔާގެ އަދަދަކަށް ފައިސާ ސަލާމަތް ކުރެވޭނެ އެވެ.

އެ ހަފްލާގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ އެ ކުންފުނިން ހަކަތަ ބޭނުން ކުރުމުގައި "އެފިޝަންސީ" އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ފެރީތަކާއި ޓާމިނަލްތައް އޭސީ ކުރުމުގެ ބަދަލުގައި ގުދުރަތީ ވައި ވަންނަގޮތަށް ހަދާފައިވަނީ އެފިޝަންސީ އިތުރު ކުރުމަށް ކަމަށް ސީއީއޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުންފުނީގެ ފަރާތުން އަބަދުވެސް ހަކަތަ ބޭނުން ކުރުމުގައި އެފިޝަންސީ އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ދަނީ. އެގޮތުން މިއަހަރު ތެރޭ ފެރީ ޓާމިނަލްވެސް އެއާކޮންޑިޝަން ކުރުމުގެ ބަދަލުގައި ފެރީތަކުގެ ދޮރުތައް ބަދަލުކޮށްފައި ގުދުރަތީ ވައި ވަންނާނެހެން ވެންޓިލޭޝަން ސިސްޓަމް މިވަނީ ރަނގަޅު ކޮށްފައި،" ސީއީއޯ ވިދާޅުވިއެވެ.

އެސްޓީއޯއާއި އެންވާރަމެންޓް މިނިސްޓްރީ އިން ގުޅިގެން އެ ކެމްޕޭން ފަށާފައިވަނީ އޮކްޓޯބަރު މަހު 23 ގައެވެ. އިޓްސް ކޫލް އެޓް 25 ޝިއާރުގެ ނަމުގައި ފެށި އެ ކެމްޕޭންގައި ދިރާގުންވެސް ވަނީ މިހާރު ބައިވެރި ވެފައެވެ.