04 Dec 2014, 11:10
އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހަވީރުންސުރެ ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ތައްޔިބު ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުންއަލިފާންގަނޑު ނިއްވާލުމަށްޓަކައި އިއްޔެއިން ފެށިގެން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު މުޅި ސަރަހައްދަށް އަލިފާންގަނޑު އޮތީ ވަރަށް ބޮޑަށް ފެތުރިފައި. އެހެންނަމަވެސް އެމްއެންޑީއެފްގެ ބޭފުޅުން އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުންދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ. ދެން އަލިފާން ރޯނުވެ ހުރި ސަރަހައްދުގައި ރޯވެދާނެ ކަމަށް ބަލާފައި އަޅުގަނޑުމެން މިހާރު ވާނީ ސެޕަރޭޓްކޮށްފައި،" ތައްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމު ރައްޔިތަކަށް މި ހާދިސާގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދުއްވާ އެއްޗެއްހި ދުއްވާ ބޭފުޅުންނަށް ދުއްވުމުގައި އަލިފާންގަނޑުން އަރާ ދުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތައްޔިބު ވިދާޅުވީ އިއްޔެ ހަވީރު 4:30 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅަންފަށާފައިވާ ކަމަށެވެ.