04 Dec 2014, 11:04
ރައީސްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްޕާސަން އިބްރާހިމް މުއާޒު އަލީގެ ނަމްބަރު ބޭނުންކޮށްގެން ބައެއް ނޫސްވެރިންނަށް ފޭކް އެސްއެމްއެސްތަކެއް ފޮނުވައިފިކަމަށް އޭނާ ބުނެފިއެވެ.
ރޭ މުއާޒުގެ ނަމްބަރުން ބައެއް ނޫސްވެރިންނަށް ފޮނުވާފައިވާ އެ މެސެޖުގައި ވަނީ ރައީސްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ދަރިކަލުންނާއި ގުޅުވައިގެން ތުހުމަތުތަކެއް ކުރައްވާފައެވެ.
މުއާޒު މިއަދު ވިދާޅުވީ ރައީސް ޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލް މީޑިއާތަަކަށް ދެއްވާފައިވަނިކޮށް އޭނާގެ ނަމްބަރު ބޭނުންކޮށްގެން ބައެއް ނޫސްވެރިންނަށާއި ބައެއް އާންމުންނަށް ރޭ ފަތިހު ފޮނުވާފައިވާ އެސްއެމްއެސް ތަކަކީ ހަގީގަތާއި ޚިލާފު އެސްއެމްއެސްތަކެއް ކަމަށެވެ.
"މިއީ ރައީސްސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއާ ގުޅުވައިގެން އަޅުގަނޑުގެ މޮބައިލް ފޯނު ނަމްބަރާއި ނަން ބޭނުންކޮށްގެން އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުންދާ ދޮގު މައުލޫމާތުތަކެއް ކަމުގައިވާތީ، މިދަށުދަރަޖައިގެ ނާތަހުޒީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ އެއީ އޭނާގެ ނަމްބަރު ބޭނުންކޮށްގެން ފޮނުވާފައިވާ އެއެސްއެމްއެސް އަކަށްވުމުން ލިބުނު ފަރާތްތަކަށް އެމެސެޖް ފެންނަން ހުރީ އެމީހެއްގެ ފޯނުގައި މުއާޒުގެ ނަމްބަރު ސޭވް ކޮށްފައިވާ ނަމުގައި މީގެ ކުރިން އޭނާ ފޮނުވާފައިވާ އެސްއެމްއެސްތަކުގެ ކޮންވަޒޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އެމައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމުގެ މަސައްކަތް ރައީސްޖުމްހޫރިއްޔާގެ އޮފީހުން ކުރަމުންދާކަމަށް މުއާޒު ވިދާޅުވިއެވެ.
ރައީސްޖުމްހޫރިއްޔާގެ ތަރުޖަމާންގެ ނަމްބަރު ބޭނުންކޮށްގެން ފޭކް އެސްއެމްއެސްތަކެއް ފޮނުވާފައިވައިރު އެއީ މިހާރު ވަރަށް އާންމުކަމެކެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުގެ ނަމްބަރުތަކުންވެސް ފޭކް އެސްއެމްއެސް ފޮނުވާފައިވެއެވެ.