މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް ވީޓީވީގެ މުހައްމަދު އާސިފް (މޮންދު) އަދި ނައިބް ރައީސަކަށް އަމިއްލަ ގޮތުން އެ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ޝަރީފް ނަފީސް ހޮވިއްޖެ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެ ދެ މަގާމަށް ވެސް ކުރިމަތިލައްވާފައި ވަނީ އެ ދެބޭފުޅުން އެކަންޏެވެ. އެ ދެ ބޭފުޅުން އެ ދެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ، ރައީސާއި ނައިބް ރައީސަކަށް އެ ދެ ބޭފުުޅުން ހޮވުމަށް އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މީޑިއާ ކައުންސިލްގެ އެއްވެސް މެމްބަރަކު އިއުތިރާޒު ވެފައިނުވާތީ އޮޓަމެޓިކުންނެވެ.



މީޑީއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލްގައި މީޑިއާތަކުން ތަމްސީލު ކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ތިއްބަވަ އެވެ.