04 Dec 2014, 10:50
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ޒުންނަވާރު ސަލީމަށް ދޫކުރުމުގައި ބައިވެރިވެފައިވާތީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ އެ އޮތޯރިޓީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދު އަހުސަންގެ މައްޗަށެެވެ.
އޭސީސީން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަހުސަންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މއ. ނައިންހައުސް ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ބެޗްލާ އޮފް ލޯ ސެޓްފިކެޓް ބަލަންވާ ވަރަށް ނުބަލައި ސައްހަ ނޫން ސެެޓްފިކެޓެއް އެކްރެޑިޓްކޮށްދީފައިވާ މައްސަލައެއްގައި ކަމަށެވެ.
އޭސީސީން ބުނީ އެކުރެޑިޓް ކުރުމަށްޓަކައި ޒުންނަވާރު ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ބެޗްލާސް އޮފް ލޯ ސެޓްފިކެޓް ބަލައިގެންފައި ވަނީ އެޕްލިކޭޝަން ރަނގަޅަށް ފުރިހަމަ ނުކޮށް ކަމަށާއި ކައުންޓަރުން އެ އެޕްލިކޭޝަން ބަލައިގެންފައިވަނީ އަހުސަން އެ އެޕްލިކޭޝަން ބަލައިގަތުމަށް އިރުޝާދު ދިނުމުން ކަމަށެވެ.
ޒުންނަވާރުގެ އެޕްލިކޭޝަން ބަލައިގެންފައި ވަނީ 30 އޮގަސްޓް 2010 ގައި އެ އޮތޯރިޓީގެ ރެގިއުލޭޓްރީ ބޯޑުން ކަނޑައަޅާފައިވާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުސޫލުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ސަނަދެއްގެ ފެންވަރު ބެލުމަށްޓަކައި ހުށަހަޅާ ފޯމާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ބަރާބަރަށް ހުށަހަޅާފައިނުވާ ނަމަ ފޯމް ބަލައި ނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ކަަމަށް އޭސީސީން ބުންޏެވެ.
މީގެއިތުރުން ޒުންނަވާރު ހުށަހެޅި އެޕްލިކޭޝަން ފޯމްގައި ހިމެނޭ އެޕްލިކަންޓްގެ މައުލޫމާތު ހިމެނޭ ގޮޅީގައި މޯބައިލް ނަމްބަރަކަށް އަހުސަންގެ ނަމްބަރު ޖަހާފައިވާ ކަމަށާއި ޒުންނަވާރުގެ އެޕްލިކޭޝަންގެ އިގުރާރުގައި ސޮއިކޮށްފައި ވަނީ ވެސް ހުދު އަހުސަން ކަމަށާއި އެގޮތަށް ކަންތައް ކުރީ ފޯމް އަވަހަށް ޕްރޮސެސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް އަހުސަން ތަހުގީގުގައި އޭނާ ބުނެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ޒުންނަވާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ގާނޫނީ ވަކީލެއް ކަމަށް ބުނެ މީގެކުރިން ކޯޓުތަކުގައި ވަކާލާތު ކުރަމުން ގެންދިޔަ ޒުންނަވާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.