04 Dec 2014, 10:42
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭޓީއެމް މެދުވެރިކޮށް ކޮންމެ ދުވަހަކު 640 ޔޫއެސް ޑޮލަރުނެގޭނެ ހިދުމަތެއް ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ނަސަންދުރާ ޕެލަސް ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑުރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ މެއިން ބުރާޗްގައި އެއް އޭޓީއެމްއަކުން މިއަދުން ފެށި އެ ހިދުމަތް، ޑޮލަރު އެކައުންޓް ގެންގުޅުއްވާ ފަރާތްތަކަށް، އޭޓީއެމް މެދުވެރިކޮށް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދުވާލަކު 640 ޑޮލަރު ކޮންމެ ޑޮލަރު އެކައުންޓަކުން ނެގޭނެ ކަމަށެވެ.
"މިމެޝިނުން ބެންކް ކަސްޓަމަރުންނަށް ޑޮލަރު ނެގުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ކޮންމެ ވަގުތަކު ވެސް ލިބޭނެ. މިއީ ހިލޭ ލިބޭ ހިދުމަތަކަށްވާ އިރު، ކަސްޓަމަރަކަށް 640 ޑޮލަރު ދުވާލަކު ނެގޭނެ،" އެންޑުރޫ ވިދާޅުވި އެވެ.
އެންޑުރޫ ވިދާޅުވީ އެއް އޭޓީއެމްއަކުން އެހިދުމަތް މިއަދު ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު އޭޓީއެމްތައް ބަހައްޓާނެ ކަމަށާއި އެގޮތުން އެއާޕޯޓްގައި ވެސް ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ތައާރަފް ކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ މިކަމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގޭނީ ޑޮލަރު އެކައުންޓު ހުރި ފަރާތްތަކުގެ ތެރެއިން އެކައުންޓުގައި ޑޮލަރު ބެލެންސް ހުރި ފަރާތްތަކަށް ކަމަށް އެބެންކުގެ މާކެޓިން ޑައިރެކްޓަރު ރިއްފަތު މުހައްމަދު ވިދާޅުވިއެވެ.
ބީއެމްއެލް އިން ޑޮލަރު އޭޓީއެމް ތައާރަފްކޮށްފައިވާ އިރު އެކުންފުނިން ދާދި ފަހަކުން ވަނީ ފައިސާ ޖަމާކުރާ އޭޓީއެމްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. ބީއެމްއެލްގެ އެ ޚިދުމަތް ލިބޭ އޭޓީއެމްތައް ބަހައްޓާފައި ވަނީ ބީއެމްއެލް މެއިން ބްރާންޗާއި ބީއެމްއެލް ލައިޓް އާއި ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގުގަ އެވެ. ފައިސާ ނެގުމާއި ފައިސާ އަދި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ އޭޓީއެމްތަކުން 24 ގަޑިއިރު ލިބިގެންދާނެ އެވެ.