04 Dec 2014, 10:14
ސްރީލަންކާގެ ވެރިކަން ބަދަލުކުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ސްރީލަންކާ ފްރީޑަމް ޕާޓީން ތުހުމަތުކޮށްފި އެވެ.
ނިއުސްއޭޝިއާ ވަން އިން އިއްޔެ ބުނީ ރައީސް ރާޖަޕަކްސާގެ ސަރުކާން އިސްތިއުފާދެއްވުމަށް ފަހު އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މައިތިރިޕާލާ ސިރިސޭނާ އަށް ހުޅަނގުގެ ގައުމުތަކުން ތާއީދުކުރަމުން އަންނަ ކަމަށް ޕްލާންޓޭޝަން މިނިސްޓަރު މަހިންދަ ސަމަރަސިންހަ ވިދާޅުވި ކަމަށެވެ. އަދި ބުނީ ހުޅަނގުން މައިތިރިޕާލާއަށް ތާއީދު ކުރަނީ ލަންކާގެ ހަމަޖެހުން ނަގައިލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ.
"...ސްރީލަންކާގެ ހަމަޖެހުން ނަގައިލުމަށް ސިސްޓަމެޓިކްކޮށް ކުރާ ކެމްޕޭނެއް އެބަވޭ. ކެންޑިޑޭޓެއްގެ ގޮތުގައި މައިތިރިޕާލާ ސިރިސޭނާ ރޭހަށް ނުކުތުމަކީ ހުޅަނގުގެ ރޭވުމެއް،" ރައީސް މަހިންދަ ރާޖަޕަކްސާގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ސަފީރުކަން ވެސް ކުރައްވާ ސަމަރަސިންހަ ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.
ހުޅަނގުގެ ގައުމުތަކުން އެގޮތަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް ސަމަރަސިންހަ އެއްވެސް ގައުމެއްގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ. ނަމަވެސް އަވަށްޓެރި އިންޑިއާ އިން އެގޮތަށް މަސައްކަތްކުރާ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.
"... އަޅގަނޑު އެއްވެސް ގައުމެއްގެ ނަން ފާހަގަކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އިންޑިއާ އޭގެ ތެރެއަކު ނުހިމެނޭ. އިންޑިއާއާ އެކީ އަޅުގަނޑުމެންގެ އޮންނަނީ ވަރަށް ގާތް "ވަރުގަދަ ގުޅުމެއް،" ސަމަރަސިންހަ ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.